އައްޑޫސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ކައުންސިލަރުން ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށް ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ރޭ ގޮވާލައިފިއެވެ.
ރޭ ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމަށް ސޮއި ކުރެއްވުމަށް ފަހު އަލީ މުހައްމަދު ވިދާޅުވިގޮތުގައި އޭނާ މިރޭ ދެއްކެވީ ނަމޫނާއެއް ކަމަށް ބަލައިގެން ރާއްޖޭގެ ހުރިހާ ކައުންސިލްތައް ވެސް އަދި ހާއްސަކޮށް އައްޑޫ ކައުންސިލްގައި ވެސް ދެން ތިއްބެވި ކައުންސިލަރުން ޕީޕިއެމަށް ސޮއި ކުރެއްވުމަށް އެދޭކަމަށެވެ.
“ރައްޔިތުން ވޯޓް ދީގެން ކައުންސިލަރުން އިންތިހާބު ކުރަނީ ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނިކުމެ ހަރަކާތްތައް ހިންގާކަށް ނޫން. އޭގެ ބަދަލުގައި ރައްޔިތުން ބޭނުން ވަނީ ތަރައްގީ އަށް މަސައްކަތް ކުރާ ބަޔަކު” އަލީ މުހައްމަދު ވިދާޅުވިއެވެ.
ބޭނުން ވަނީ ސަރުކާރާ ގުޅިގެން ހުޅުމީދުއަށާއި މުޅި އައްޑޫގެ ތަރައްގީ އަށް މަސައްކަތް ކުރައްވަން ކަމަށާއި އެކަން ކުރެވޭނީ އެ އިރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެން، ސަރުކާރަށް އެއްބާރުލުން ދީގެން ކަމަށް ވެސް އެމްޑީޕީ މެންބަރެއްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި ކައުންސިލަރ ވިދާޅުވިއެވެ.