Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ދިވެހި ސަރުކާރުގެ ވެރިންނާ ދެކޮޅަށް އީޔޫ އަށް ވަރުގަދަ ގަރާރެއް ހުށަހަޅައިފި

ޑިމޮކްރަސީ އާއި އިންސާނިއްޔަތާ ހިލާފަށް ދިވެހިރާއްޖޭގެ ވެރިން އަމަލުކުރަމުންދާ ކަމަށް ބުނެ، ރާއްޖޭން ބޭރުގައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ މުދާތައް ހިފަހައްޓައި، އެ މީހުންނާއި އެ މީހުންނާ ގުޅުން ހުރި ވިޔަފާރިވެރިން ދަތުރުކުރުން މަނާކުރުމަށް މެންބަރު ގައުމުތަކަށް ގޮވާލައި ޔޫރަޕިއަން ޔޫނިއަނަށް ގަރާރެއް ހުށަހަޅައިފި އެވެ.

މިގަރާރާއި ބެހޭގޮތުން ޕީޕީއެމްގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި އެ ގަރާރުގައި ހުރި އެއްވެސް ކަމަކަށް އަމަލީ ސިފައެއް ނާންނާނެ ކަމަށާއި އީޔޫ އަށް ވިޔަސް އެއް ގައުމުން އަނެއްގައުމަކާމެދެ ތިވަރުގެ ފިޔަވަޅުތަކެއް އަޅާނީ ދެގައުމުގެ މެދުގަ އޮތް ޑިޕްލޮމެޓިކް ގުޅުމަށް ބަލާ އަދި ވަކިވަކި ގައުމެއްގެ ޕާލަމެންޓުންވެސް ފާސްކޮށްގެން ކަމަށެވެ.

ދިވެހި ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކޮށްފައި އޮތް މި ގަރާރުގައި އީޔޫން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، އެއްވެސް ޝަރުތެއް ނެތި ވަގުތުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.

ސަރުކާރުގެ ކުށްތަކުގެ ގޮތުގައި އީޔޫ އިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޝަރުއީ ދާއިރާ އަށް ސިޔާސީ ނުފޫޒު އިންތިހާ އަށް ފޯރާފައި ވުމާއި ފެންވަރު ނެތް މީހުން އެ ދާއިރާގައި ބޭތިއްބުމާއި އަދި ސުޕްރީމު ކޯޓުގެ ފަނޑިޔާރުން މަގާމުގެ ނާޖާއިޒް ފައިދާ ނަގައި، ސަރުކާރު ހިންގާ ޕާޓީ އެދޭ ގޮތަށް އަމަލު ކުރަމުންދާ ކަމަށް ވެސް ގަރާރުގައި ތުހުމަތުކޮށްފައިވެ އެވެ.