Last Updated: July 15, 09:53
Wednesday, July 15, 2026
ދުނިޔެ

ސާބިއާގެ އިޒްރޭލު އެމްބަސީގައި ފުލުހަކަށް ހަމަލާ ދީފި

ސާބިއާގެ ވަެރިރަށް ބެލްގްރޭޑްގައި ހުންނަ އިޒްރޭލުގެ އެމްބަސީގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވަމަން ދިޔަ ފުލުހަކަށް އިއްޔެ ތީރަކުން ހަމަލާ ދީ ޒަހަމްކޮށްލައިފި އެވެ.

ތީރުން ދިން ހަމަލާ އެރީ ފުލުސް މީހާގެ ކަރަށެވެ. އަދި އެ ހާދިސާއާ ގުޅިގެން އޭނަ ހޮސްޕިޓަލަށް ގެންގޮސް ތީރު ނަގައި ފަރުވާ ދީފައުވި އެވެ.

މިޑިއާތަކުން ބުނީ ތީރުން ހަމަލާދިން މީހާ އަށް ފުލުސް މީހާ ބަޑިން ހަމަލާ ދީ މަރާލާފައިވާ ކަމަށެވެ.

ސާބިއާގައި ހުންނަ އިޒްރޭލުގެ އެމްބަސީގައި ފުލުހަކަށް ދިން ހަމަލާ، އެ ގައުމުގެ ސަތރުކާރުން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކޮށް ބުނީ އެފަދަ ހަމަލާތައް ބަލައި ނުގަނެވޭނެ ކަމަށެވެ. އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު އިވިކާ ޑަސީޝް ވިދާޅުވީ މިކަމުގައި ގިނަ ބަޔަކު ޝާމިލުވާ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އުޅުނު ބަޔަކަށް ޝައްކު ކުރެވޭތީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މިކަން ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.

އެ ހަމަލާ އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވެސް ކުށްވެރިކޮށްފައިވެ އެވެ. އެތަނުގެ ތަރުޖަމާނު ބުނީ މިއީ ސީދާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.