Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ތުރުކީން ކާޑު ގެނެސް ވިއްކާފައި ވާނެ: އެސްޓީއޯ

ތުރުކީން ރާއްޖެ އަށް ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކާފައިވާ ކަމަށް އެސް.ޓީ.އޯ އިން ބުނެފި އެވެ.

މި ސަރުކާރުން ތުރުކީން ރާއްޖެ އަށް ގެންނަން ފަށާނެ ކަމަށް ބުނެ ދެއްކި ވާހަކަ ވެސް ބިލާހަކަށްވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ ތުރުކީން ގެނައި ފުށުގެ ފުރަތަމަ ޝިޕްމަންޓް އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ގެނައި ކަމަށެވެ. އަދި އެ ފަހަރު 20،800 ފުށް ބަސްތާ ގެނައި ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާ އެކީ އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު ރައީސް އެދުވަހު ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

އެގޮތުން ހަނޑުލާއި ހަކުރާއި ފުށް ހޯދުމަށް ތުރުކީއާ އެކީ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށާއި އެގައުމުން ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ލިބޭނެކަމުގެ ޔަގީންކަން ވެސް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.