Last Updated: July 15, 09:53
Wednesday, July 15, 2026
ދުނިޔެ

ލަންކާގެ ސިޔާސީ ލީޑަރަކު އަވަހާރަވެއްޖެ

ސްރީ ލަންކާގެ ތަމަޅައިންގެ ހައްގުތަކަށް ވަކާލާތުކުރެއްވި އެ ގައުމުގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރެއް ކަމަށްވާ ރަޖާވަރޯތިއަމް ސަމްޕަންތަން އަވަހާރަވެއްޖެ އެވެ.

އުމުރުން 91 އަހަރުގައި އޭނަ އަވަހާރަވީ ސިއްހީ ހާލު ދެރަވެެގެން ޕްރައިވެޓް ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ އެވެ.

ސަމްޕަންތަން އަވަހާރަވުމާ ގުޅިގެން ލަންކާގެ އެކިއެކި ސިޔާސީ ބޭފުޅުން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައިވެ އެވެ.

އޭނަ އަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އެންމެ ގިނަ ދުވަހު މެންބަރުކަން ކުރެއްވި ކުރެއްވި ބޭފުޅާ އެވެ. ސަމްޕަންތަން އަވަހާރަވި އިރު ވެސް އޭނަ އަކީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. އޭނަ އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ 1977 ގަ އެވެ.

ސަމްޕަންތަން އަކީ ގާނޫނީ ވަކީލެއް ވެސް މެ އެވެ. ފާއިތުވި 23 އަހަރު އޭނަ ގެންދެވީ ލަންކާގެ އެންމެ ބޮޑު އިދިކޮޅު ކޯލިޝަން ޓަމިލް ނެޝަނަލް އެލައިންސް (ޓީއެންއޭ) ގެ އިސް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.