Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

އައިޓީބީ ފެއަރ އަށް އަދީބަށް ނުދެވުނީ ވިސާ "ނުލިބިގެން"!

މިއަހަރުގެ މާޗް މަހުގެ ތެރޭގައި ޖަރުމަނުވިލާތުގައި ބޭއްވި ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ޓޫރިޒަމް ފެއާ، އައިޓީބީ ފެއާގައިޓޫރިޒަމް މިނިސްޓަރ އަހްމަދް އަދީބަށް ބައިވެރި ނުވެވުނީ ޖަރުމަނުވިލާތުން އޭނާ އަށް ވިސާ ނުލިބިގެން ކަން ވަރަށް އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

އައްޑޫލައިވް އާއި ވާހަކަ ދެއްކި ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރަކު ވިދާޅުވިގޮތުގައި ރާއްޖޭގެ ފަރާތުން ހޯސްޓު ކުރި މިއަހަރުގެ އައިޓީބީ ފެއާރ އަށް ޓޫރިޒަމް މިނިސްޓްރ އަދީބަށް ބައިވެރި ނުވެވުނީ ވިސާ ހަމަނުޖެހިގެން ކަމަށެވެ.

އައިޓީބީ ފެއާގެ ދަތުރުފުޅު އަދީބު ކެންސަލް ކުރައްވާފައިވަނީ މަޖިލީހުގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވުމާއި ގުޅިގެން ބޭއްވި ހަވާ އެރުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް އޭރު ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މަޖިލިސް މެންބަރު ވިދާޅުވި ގޮތުގައި ދަތުރު ކެންސަލް ކުރީ ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

" ދަތުރު ކެންސަލް އެއް ނުކުރޭ. ވިސާ ހަމަޖެހުމުގައި ދަތިތަކެއް ކުރިމަތިވީ. އެހެންވެ އަދީބަށް ބައިވެރިނުވެވުނީ. ހަވާ އެރުވުމަށް ވުރެ މުހިއްމުވާނެ ދޯ އަސްލު އައިޓީބީ ފެއާ. " އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ މާޗް މަހުގެ 4 އިން 8 އަށް ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވި އައިޓީބީ ފެއާގައި ބައިވެރިވި ރާއްޖޭގެ ވަފްދުގައި އިސްކޮށް ހުންނެވީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޖަރުމަނުވިލާތުގެ އެމްބެސެޑަރ ޖާގެން މޮހާދް ވަނީ ރާއްޖެ ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަސްހަރު އޮތް ގޮތާއި ޖުޑީޝަރީއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ އިތުރުން ކޯޓުގެ މައްސަލަތައް ހިނގަމުން އަންނަ ގޮތާއި ބެހޭގޮތުން ވާހަކަދައްކަވާފައެވެ. ޖަރުމަން އެމްބެސެޑަރގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އާއި ވެސް ވަނީ ބައްދަލުކުރައްވާފައެވެ.