މެއި 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުމަށް ގޭންގްތައް ނެރުނަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހްމަދް މަހުލޫފް ވިދާޅުވެއްޖެއެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" ގެ ނަމުގައި ކުރިއަށް ގެންދާ ގައުމީ ހަރަކާތުގެ ފަރާތުން "ފަހުބަސް" ބުނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފް ވިދާޅުވީ ގޭންގުތައް ނެރެގެން ތަޅާ ތަޅާ މަރާލިޔަސް ޗިސްޗިސްކޮށް ފިސްފިސްކޮށް ލިޔަސް، މުޒާހަރާގެ ބައިވެރިން ފަހަކަށް ނުޖެހޭނެ ކަމަށެވެ.
"ގޭންގުތައް ނެރެގެން ތެޅިޔަސް. ތަޅާ ތަޅާ މަރާލިޔަސް ޗިސްޗިސްކޮށް ފިސްފިސްކޮށް ލިޔަސް، އަޅުގަނޑުމެން ފަހަކަށް ނުޖެހޭނަން" މަހްލޫފް ވިދާޅުވިއެވެ.
މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތަކުގެ ތެރެއަށް ގްރޫޕްތަކުން ވަދެ ހަމަލާ ދިނުމަކީ އާއްމު ކަމެކެވެ. މިގޮތުން އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއަށް ވެދެ ހަމަނުޖެހުން ހިންގައިގެން ޕީޕީއެމްގެ މެންބަރަކު ވެސް ވަނީ ވަރަށް ފަހުން ހައްޔަރުކޮށްފައެވެ.