ވިލާ ފައުންޑޭޝަންގެ ކުޑަ އެހީއެއް ލިބިފައިވާ މީހެއް ނަމަވެސް "މޭޑޭ" ގެ ހަރަކާތްތަކަށް ނިކުމެ އިހްލާސްތެރިކަން ދައްކަން ޖެހޭނެ ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން ވިދާޅުވެއްޖެއެވެ.
ގައުމީ ހަރަކާތުގެ ހާއްސަ މެސެޖެއް ކަމަށްބުނެ ވީޓީވީ އާއި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމީން މިގޮތަށް ވިދާޅުވެފައިވި ނަމަވެސް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި ސިޔާސީ ގޮތުން ވަކި ބަޔަކަށް ތާއީދު ކުރުމަށް ޖުމްހޫރީ ޕާޓީން ވަކި ސްޓޭންޑެއް ނުގެންގުޅޭ ކަމަށާއި އެމްޑީޕީ/އަދާލަތު ޕާޓީން މިހާރު ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ ބައެެއް މީހުން ބައިވެރިވަނީ އަމިއްލަ ގޮތުން ކަމަށެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ތަން "މަގުމަތިން ވެސް އެބަފެނޭ" ކަމަށާއި އެބޭފުޅުން އުޅުއްވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ދެ ނައިބު ލީޑަރުން ކަމަށް ވާ އަމީން އިބްރާހީމާއި ޑރ. ހުސެއިން ރަޝީދު ހަސަން ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވަމުންދާއިރު އެއީ ގާސިމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުން ކަން ފާހަގަކޮށްލެވެއެވެ.