އެބޭފުޅާ އަކީ ރައްޔިތުންނަށް ހިދުމަތް ކުރަން އިންތިހާބުކޮށްފައިވާ ހާދިމެއް ކަމަށާއި އަމިއްލަ ނަފްސު ވިއްކާ ނުލާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.
"އަޅުގަނޑަކީ އިންތިހާބީ ހާދިމެއް. އަޅުގަނޑުގެ ނަފުސު ވިއްކާ ނުލާނަން! އަޅުގަނޑު ޔަގީން ކުރަނީ އައްޑޫ ސިޓީ ކައުންސިލްގައި ތިއްބެވި އަނެއް ހަތަރު ކައުންސިލަރުން ވެސް އަޅުގަނޑެކޭ އެއްްފަދައިން ނުވިކޭނެ ކަމަށް،" ސޯބެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ސޯބެ ވިދާޅުވެފައިވާ ގޮތުގައި ނަފްސު ވިއްކުމަކީ ރައްޔިތުންނަށް ހަރާންކޯރުވުން ކަމަށާއި މި ސަރުކާރަށް އައްޑޫގެ ތަރައްގީ އަށް ކަމެއް ކޮށްދެވިދާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރާކަމަށެވެ.
ހުޅުމީދޫ ދާއިރާގެ ކައުންސިލަރު ޕީޕީއެމް އަށް ސޮއިކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އައްޑޫ ސިޓީ ކައުންސިލުން ދުވަހަކު ވެސް އައްޑޫގެ ތަރައްގީ އަށް ހުރަސް ނާޅާނެ ކަމަށާއި މަދު ފައިސާކޮޅަކަށް ކައުންސިލްގެ އަގު ވައްޓާ ނުލުމަށް ވެސް ސޯބެ ވަނީ ގޮވާލައްވާފައެވެ.
އަލީ މުހައްމަދު ޕީޕީއެމަށް ސޮއި ކުރައްވާފައި ވަނީ ތަރައްގީ އަށް ހުރަސް އަޅުއްވާ ކައުންސިލަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަން ބޭނުން ނުވާތީ ކަމަށް ބުނެއެވެ.