Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އައްޑޫ އަށް ސިޓީގެ ދަރަޖަ ނުދެވޭނެ ކަމަށް ކުރި ދެ ހުކުމް ތަންފީޒުކުރަން ހުށަހެޅުމުން ބަލައެއްނުގަތް

އައްޑޫގައި ސިޓީ ކައުންސިލެއް ނެހެދޭނެ ކަމަށް ކަނޑައަޅައި 2011 ގައި ސިވިލް ކޯޓުން ކުރި ދެ ހުކުމް ތަންފީޒު ކުރަން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ހުކުމް ތަންފީޒު ކުރުމަށް އެދި ހުށަހަޅާފައި ވަނީ .ސ. މީދޫ ޑޭލައިޓް އަބްދުލްހަކީމް އަހުމަދު ދީދީ އެވެ. އޭނާއަކީ ރައީސް އޮފީހުގެ ދެންނެވުމުގައި އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ އެގޮތަށް ދަރަޖަ ނުދެވޭނެ ކަމަށް ބުނެ ސިވިލް ކޯޓަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅި ދެ މީހުންގެ ތެރެއިން މީހެކެވެ.

އޭނާ ސިވިލް ކޯޓުގެ 2 ހުކުމް ތަންފީޒުކޮށް ދިނުމަށް އެދި ހުށަހަޅާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ސިވިލް ކޯޓުގެ 2 ހުކުމް ތަންފީޒުކޮށް ދިނުމަށް އެދި އަބްދުލްހަކީމްގެ ފަރާތުން ހުށަހެޅި ނަމަވެސް އެ ކޯޓުގެ ރެޖިސްޓްރާ ނިންމެވީ ސުޕްރީމް ކޯޓުން ކުރި އަމުރުގެ ސަބަބުން އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތުމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އަދި އެ ނިންމުމާ މެދު ހިތްހަމަނުޖެހޭތީ އެ ނިންމުން ރިވިއުކޮށް ދިނުމަށް އެދި ސިވިލް ކޯޓުގެ އިސްގާޒީއަށް އަބްދުލްހަކީމްގެ ފަރާތުން ހުށަހެޅުމުން އިސްގާޒީ ވެސް ވަނީ ރެޖިސްޓްރާގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ވަގުތީ ހުންނެވި ގާޒީ އަބްދުﷲ އަލީގެ ނިންމެވުމުގައިވަނީ ސިވިލް ކޯޓުން އޭރު ކުރި ދެ ހުކުމުގެ ބާރު ނެތިގެންދާ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވާތީ އެ ދެ ހުކުމް ތަންފީޒު ނުކުރެވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގައި ލޯކަލް ކައުންސިލްތައް އުފެއްދިއިރު ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި އައްޑޫގައި އޮންނާނީ ސިޓީ ކައުންސިލެއް ކަމަށް ބަޔާންކޮށްފައި ވަނިކޮށް ސިވިލް ކޯޓުން ޖެނުއަރީ، 2011 ގައި ވަނީ އައްޑޫގައި ސިޓީ ކައުންސިލެއް ނެހެދޭނެ ކަމަށް ހުކުމް ކުރިއެވެ.ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރުމާ އެކު ޖެހިގެން އައި ދުވަހު ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާނެ މިންގަނޑެއް ކަމަށް ބުނެ އައްޑޫ އަތޮޅު އެ މިންގަނޑަށް ފެތޭ ގޮތަށް މިންގަނޑެއް އާންމު ކުރި ނަމަވެސް ފެބްރުއަރީ، 2011 ގައި ސިވިލް ކޯޓުން ވަނީ އެ އިއުލާން ވެސް ބާތިލްކޮށްފަ އެވެ.

ސިވިލް ކޯޓުގެ ދެ ހުކުމް ވެސް އެގޮތަށް ކުރުމުން އިލެކްޝަންސް ކޮމިޝަނުން އޭރު ވަނީ އައްޑޫ ސިޓީގެ މައްސަލަ ވަކި ގޮތަކަށް ނުނިމޭތީ އެ ކައުންސިލްގެ އިންތިޚާބު ފަސްކުރަން ނިންމިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިންތިޙާބު ބާއްވާފައިވަނީ އެ އިންތިޚާބު ބޭއްވުމުގެ ކުރީ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ވަނީ އެހެން ދާއިރާތަކެކޭ އެގޮތަށް އައްޑޫގައި ވެސް އިންތިޚާބު ބާއްވަން އަމުރު ނެރުމުންނެވެ.