ނޫސްވެރިންގެ ޓެގު އަޅުވައިގެން ތިބެ ތިމާމެންނަށް އެކަންކަމުގެ އެކޮޅު
މިކޮޅު މޭރުން ނުވާވަރުގެ ބޮޑެތި ވާހަކަ ލިޔާ މީހުން އެބަފެނެއެވެ.
ޖިއޮޕޮލިޓިކްސްގެ ޒައްރެއްގެ މިންވަރުވެސް ރޭކާލުމެއް ނެތި
ބައިނަލްއަގުވާމީ ގުޅުންތަކާ މެދު ނިޔާ އިއްވާ ލިޔުންތެރިންވެސް
އެބަފެނެއެވެ. ދުނިޔޭގެ އުތުރެއް ދެކުނެއް، ހުޅަނގެއް އިރެއް ވަކިނުވާ
ހާލުގައި ވެސް ބައިނަލްއަގުވާމީ ގުޅުމުގެ ކަވި މައުޒޫތަކުގެ
މާހިރުންކަމަށް ދައުވާކުރާ ލިޔުންތެރިންވެސް އެބަފެނޭމެއެވެ. ހިތާމައިގެ
ކޮޅެއްވެސް ނެތެވެ.
ދިވެހިރާއްޖެ އޮންނަނީ އިންޑިޔާގެ ގޮނޑުދޮށުގައެވެ. އިންޑިޔާއަކީ
ދުނިޔޭގެ ބޮޑު ބާރެކެވެ. އިންޑިޔާއިން ވިސްނާ ކަންކަމާއި އިންޑިޔާގެ
މަސްލަހަތުކަމުގައި އެގައުމުން ދެކޭ ކަންކަމަކީ ހަމައެކަނި އިންޑިޔާގެ
އިމުގެ އެތެރޭގައި ހިފެހެއްޓިފައިވާ ކަންކަމެއް ނޫނެވެ. ދުނިޔޭގެ ބޮޑު
ބާރެއްގެ ގޮތުގައި އިންޑިޔާއިން އަދާކުރަން ޖެހޭ ދައުރަކީ ހަމައެކަނި
އިންޑިޔާގެ އިމުގެ އެތެރޭގައި އަދާކުރަން ލާޒިމުކުރާ ދައުރެއްވެސް
ނޫނެވެ. އެމެރިކާ އާއި އިނގިރޭސިން، ރޫސީންނާއި ފަރަންސޭސިން އަދި
ޗައިނާއިން ހަށިފޮޅާލާފައި ދުނިޔޭގެ ހަތަރު ބިތަށް ފެތުރިގެންފައި އެވަނީ
މިދެންނެވި އުސޫލުންނެވެ. އެ ހައްގާއި ހައިސިއްޔަތު އިންޑިޔާއަށް ވެސް
އެބައޮތެވެ.
އިންޑިޔާއަށް އެއްވެސްގޮތަކުން ނުރައްކާތެރިކަމެއް ނެތް ގައުމެއްގެ
ގޮތުގައި ދިވެހިރާއްޖެ ބޭއްވުމަކީ އިންޑިޔާގެ އަމާޒެކެވެ. ބޭނުމެކެވެ.
އެހެންވީމާ ދިވެހިރާއްޖެއިން ގުޅުން ބާއްވަނީ ކޮންކޮން ގައުމުތަކަކާއިތޯ
އަދި އެގުޅުންތަކުގެ އަސްލަކީ ކޮބައިކަން ދެނެގަތުމަކީ އިންޑިޔާއަށް
ވަރަށް މުހިއްމު ކަމެކެވެ. މި ސިޔާސަތުގެ ދަށުން އިންޑިޔާގެ
ވާދަވެރިންނާއި ގުޅުން ބަދަހިކޮށް އެފަދަ ފަރާތްތަކަށް ދިވެހިރާއްޖެ
ހުޅުވައިލުމަކީ އިންޑިޔާ ތަރުހީބުދޭނެ ކަމެއް ނޫނެވެ. ޗައިނާއަކީ
އިންޑިޔާގެ ވާދަވެރިއެކެވެ. ބޮޑު ބާރެކެވެ. ޗައިނާއަށް ދިވެހިރާއްޖެ
މުހިއްމުވަނީ އިންޑިޔާގެ ގޮނޑުދޮށުގައި އޮންނާތީ އެވެ. އެހެންވީމާ
ޗައިނާއިން ދިވެހިރާއްޖޭގައި ކުރާ ކޮންމެ ކަމެއް އިންޑިޔާއިން ބަލާނީ
އިންޑިޔާގެ ދޮރާށި ބުޑުގައި ފަޓާސް ގޮއްވުމަކަށެވެ.
އިންޑިޔާގެ ބޮޑުވަޒީރުކަމުގައި ރަޖީވް ގާނދީ ހުންނެވި ދުވަސްވަރު
އިންޑިޔާގެ ދުރުމުސްތަގުބަލުގެ އަމާޒުތަކެއް އެކަށައެޅިފައިވެއެވެ. އޭގެ
ތެރެއިން އެންމެ މުހިއްމު ކަމަކީ މުޅި އިންޑިޔާ ކަނޑަކީ އިންޑިޔާއަށް
ނުރައްކަލެއް ނެތް ސަރަހައްދަކަށް ހެދުމެވެ. އިންޑިޔާ ކަނޑޭ މިކިޔަނީ
އިންޑޮނީޝިއާއިން ފެށިގެން އެފްރިކާގެ އިރުމަތީ ބިތާއި ހަމައަށް
ދެމިގެންގޮސްފައިވާ ބޮޑު ކަނޑަށެވެ. ސްރީލަންކާ އާއި ދިވެހިރާއްޖެ،
މޮރިޝަސް އާއި ސިޝެލްސް އަދި ކޮމޯރޯސް އާއި މަޑަގަސްކަރަ ހިމެނެނީ
އިންޑިޔާ ކަނޑުގައެވެ. ސްރީލަންކާ އާއި ދިވެހިރާއްޖެއަކީ އިންޑިޔާ
ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ތެރެއިން އިންޑިޔާގެ ޚާރިޖީ ސިޔާސަތުގެ
އެއްވަނަ ދަރަޖައިގެ ސަމާލުކަން ލިބިފައިވާ ގައުމުތަކެވެ. އޭގެ ސިއްރަކީ
މި ދެގައުމު އިންޑިޔާއާއި ކައިރިކަމެވެ. ކޮމޯރޯސް އާއި ސިޝެލްސް އަދި
މޮރިޝަސް އަށް ލިބިފައިވަނީ ދެ ވަނަ ދަރަޖައިގެ ސަމާލު ކަމެވެ. މި ތިން
ގައުމުވެސް އޮންނަނީ އެފްރިކާގެ އިރުމަތީ ބިތުގެ އައްސޭރީގައެވެ.
އިންޑިޔާގެ ނޭވީގެ ބާރު ޒަމާނީކޮށް އިތުރުކުރަމުންދަނީ މުޅި އިންޑިޔާ
ކަނޑަށް ފޯކަސްކޮށްގެންނެވެ. ދިވެހިރާއްޖެ ހިމެނެނީ އެ ފޯކަހުގެ އެންމެ
އެތެރޭގައެވެ. އެހެންކަމުން ދުނިޔޭގެ އެއްވެސް ގައުމަކުން
ދިވެހިރާއްޖެއަށް އައިސް އެބައެއްގެ ބާރު މިތާގައި ގަދަވާން ދޫކޮށްގެން
ތިބުމަކީ އިންޑިޔާއިން ކުރާނެ ކަމެއް ނޫނެވެ. ކުރެވޭނެ ކަމެއްވެސް
ނޫނެވެ. އެއީ ވަކި އިންޑިޔާވެގެން އޮތް ކަމެއް ނޫނެވެ. ކެރީބިއަންގައި
އެމެރިކާގެ ބާރު ނޫން އެހެން ބާރެއް އޮތުމަކީ އެމެރިކާއަށް ކެތްކުރެވޭ
ކަމެއް ނޫނެވެ. މަޝްހޫރު ކިއުބާ މިސައިލް ކްރައިސިސްގެ ހަގީގަތް ބަލާލުން
ބުއްދިވެރި އެވެ. ގްރެނޭޑާ އާއި ޕެނަމާއަށް އެމެރިކާ ސިފައިން އެރި ގޮތް
ބަލާލުން ވެސް މުހިއްމެވެ. ދެކުނު ޕެސިފިކްގައި އޮސްޓްރޭލިޔާވެސް
އަދާކުރަނީ ހަމަ މިދައުރެވެ. ފިޖީ އާއި ވަނުއާޓޫ އަދި ޕަޕުއާ ނިއުގިނީ
ފަދަ ގައުމުތަކުން ޗައިނާއާއި މާގާތްވެގެން ކަންކަން ކުރަން ދިމާކުރުމަކީ
އޮސްޓްރޭލިޔާއިން ވެސް ޖާގަދޭ ކަމެއް ނޫނެވެ.
އަދި އެއްވާހަކައެވެ. މިހާރު ޔުކްރެއިނުގައި ހިނގަމުންއެދާ
ކަންތައްތަކުގެ ހަގީގަތްވެސް ބަލައިލާށެވެ. ޔުކްރޭނުން މާބޮޑަށް
ހުޅަނގާއި ކައިރިވެގެން އުޅެން ފެށީމާ ރޫސީންނަށް އެކަން ނެގުނީ
ރޫސީވިލާތުގެ ސަލާމަތާއި ޖާހަށް ކުރިމަތިވި ނުރައްކަލަކަށެވެ. އެއަށް
ރޫސީން ރައްދުދިނުމުން ދެން މިހާރު އެހިނގާ ކަންތައްތަކަށް މަގު
ފަހިވެގެން ދިޔައީ އެވެ. މިއިން ދޭހަވަނީ ކޮންކަމެއް ބާވައެވެ. މިއިން
ދޭހަވަނީ ބޮޑެތި ބާރުތަކުގެ މަސްލަހަތަކީ ހަމައެކަނި އެގައުމުތަކުގެ
އިމުގެ އެތެރޭގައި ހިފެހެއްޓިފައި އޮންނަ އެއްޗެއް ނޫންކަމެވެ.
މިކަންކަން ބަދަލުކުރުމުގެ ބާރު ދިވެހިރާއްޖެފަދަ ގައުމުތަކަށް ލިބިގެން
ނުވެއެވެ. މިނިވަން ގައުމެެއްކަމުގައި ވިޔަސް ބޮޑެތި ގައުމުތަކާއި ކުދި
ގައުމުތައް ތަފާތެވެ. ބާރުގަދަ ގައުމުތަކާއި އެނޫން ގައުމުތައް ތަފާތެވެ.
ކުދި ގައުމުތަކަށް ރައްކާތެރިކަމާއި ސަލާމަތްކަން އޮތީ ހަގީގަތް ގަބޫލު
ކުރުމާއެކު ސަރަހައްދުގެ ބާރުގެ ތިލަފަތަށް ލޮޅުން އަރައިފާނެ ކަމެއް
ނުކޮށް މަޑުމަޑުން ތިބެގެންނެވެ.
އައްޑޫ ގަމުގައި އިންޑިޔާ ސިފައިންގެ ބަޔަކު ތިބުމާއި ހެލިކޮޕްޓަރު
އުދުއްސުމަކީ އައްޑޫގެ ސުވައިދީބު ފިކުރު ތާޒާ ކުރުމަށް އިންޑިޔާއިން
ކުޅޭ ގޭމެއްކަމަށް އަވަސް އޮންލައިން ނޫހުގައި ނިއުމަތު ނަމަކަށް ކިޔުނު
މީހަކު ލިޔެފައި ވަނިކޮށް ދެކެފީމެވެ. އިންޑިޔާގެ ހެލިކޮޕްޓަރެއް
ތިލަދުންމަތީގައި ބޭއްވުން އިންޑިޔާއަށް މުހިއްމެއް ނޫނެވެ. އެއީ
ތިލަދުންމަތި އޮންނަނީ އިންޑިޔާގެ މިނިކޯއި ޖަޒީރާއާ ޖެހިގެންކަމަށްވާތީ
އެސަރަހައްދު މިހާރުވެސް ބެލެހެއްޓޭ ކަމުންނެވެ. އެހެންނޫންނަމަ
އިންޑިޔާއިން ހެލިކޮޕްޓަރު އުދުއްސާނީ ނިއުމަތުގެ އަމިއްލަ ރަށް
އުލިގަމުގެ މަތީގައެވެ. އައްޑޫއަކީ ރާއްޖޭގެ އެންމެ ދެކުނެވެ.
އިންޑިޔާއާއި އެންމެ ދުރު ޕޮއިންޓަކީ އެއީ އެވެ. އެތަނާ ޖެހިގެން ޑިއޭގޯ
ގާސިޔާގައި އެމެރިކާގެ ބޭހެއްވެސް އެބައޮތެވެ. އެހެންވީމާ އެތަނުގައި
ކޮންމެވެސް ޒާތެއްގެ ޕްރެސެންސެއް ދެމެހެއްޓުމަކީ އިންޑިޔާއަށް ނުހަނު
ބޭނުން ކަމެކެވެ.
އިންޑިޔާގެ އެންމެ އިޝާރާތަކުން ދިވެހިރާއްޖޭގެ ވެރިކަމުގެ ކިއްލާގެ
ހުރިހާ ކުރިބޯށިތައް ހަމަ ހިނދުކޮޅެއްގެ ތެރޭގައި ވެއްޓިދާނެކަން ނޭގޭ
މީހަކު ހުރިނަމަ އެމީހަކީ ނިއުމަތެވެ. އިންޑިޔާ ވަކިކަމަކަށް
ބާރުއަޅައިފިއްޔާ ދިވެހިރާއްޖެއަށް ކުރެވޭނެ ހަމައެއްކަމެއްވެސް
ނޯންނާނެއެވެ. އެމީހުން ބޭނުމިއްޔާ އުދުއްސޭނީ ހަމައެކަނި ހެލިކޮޕްޓަރެއް
ނޫނެވެ. ދިވެހިންގެ ތެރެއިން ފަލަ މީހަކު ހިކި މީހަކަށް ވެސް
ހަދައިފާނެއެވެ. އަޔޯދިޔާގެ މިސްކިތް ހިންދޫން ނިކުމެ ތަޅައިލީމާ ދިވެހި
ސަރުކާރަށް ބަޔާނެއް ނެރެވުނު ހެއްޔެވެ؟ ނުނެރެެވުނެވެ. މިއީވެސް ކުޑަ
މިސާލެކެވެ. ދިވެހިރާއްޖެއާ މެދު ހުކުމެއް އިއްވުމުގެ ކުރިން ޔޫރަޕުގެ
ގުޅުމާއި އެމެރިކާއިންވެސް އެންމެ ފުރަތަމަ ބަލާނީ މިކަމުގައި އިންޑިޔާގެ
ސްޓޭންޑަކީ ކޮބައިތޯއެވެ. ޑރ ވަހީދުގެ ސަރުކާރު ގަބޫލުކުރުމުގައި ވެސް
ފެނިގެންދިޔައީ ހަމަ މި މަންޒަރެވެ.
ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން ވަކި ހުދޫދެއްގެ ތެރޭގައި ކުރިއަށް
ގެންދެވިދާނެ އެވެ. އެ ހުދޫދު ފަހަނަޅައިދާ ދުވަހަކީ އިންޑިޔާއިން
މުލައްދަނޑި ބޭނުން ކުރާނެ ދުވަހެވެ. މިއީ އިންޑިޔާގެ ގޮނޑުދޮށެވެ.
އެހެންވީމާ ޗައިނާއޭ އިންޑިޔާއޭ ދިވެހިރާއްޖެއޭ ސުވައިދީބޭ ހެލިކޮޕްޓަރޭ
ނުކިޔާ ހިމޭނުން ހުންނާށެވެ. އެވާހަކަ ދެއްކުމަށް ނިއުމަތު ކުފޫ
ހަމަނުވާކަން މިހައިރު ސާބިތުވެއްޖެއެވެ. އެހެނެއް ނޫނެވެ. އުލިގަމާއި
ބޮޑުތިލަދުންމައްޗާއި ބްރޯގެ ވާހަކަ ދައްކާށެވެ. އެވާހަކަ ދެއްކޭވަރަށް
މައުލޫމާތު ހުންނާނެކަން އަހުރެމެންވެސް ދެނަތިބީމެވެ.