ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އަލުން އިސްލާޙް ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބިލެއް ޑްރާފްޓްކޮށް، ދައުލަތުގެ ޤާނޫނީ އިދާރާތަކުގެ ފަންނީ މަޝްވަރާ ހޯދަމުންދާކަން "އައްޑޫލައިވް" އަށް ކަށަވަރުވެއްޖެއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން ބިލެއް ޑްރާފްޓްކޮށްފައިވާ މި ބިލުގެ ކޮޕީއެއް "އައްޑޫލައިވް" އަށް ވަނީ ލިބިފައެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލަކު މި ބިލާއި ގުޅިގެން "އައްޑޫލައިވް" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި ބިލުގައި ޓެރަރިޒަމް މާނަކޮށްދީފައިވަނީ ވަރަށް ފުޅާކޮށްކަމަށެވެ.މިގޮތުން ޢާންމު ޚިދުމަތްތައް މެދުކަނޑުވާލުމަކީވެސް ޓެރަރިޒަމްގެ ޢަމަލެއްކަމަށް ބުނެފައިވާ ކަމަށާއި، ޢާންމު ޚިދުމަތްތަކުގެ މާނައިގެ ތެރޭގައި ދަތުރުފަތުރުގެ ޚިދުމަތް ހިމެނޭނެ ކަމަށް އެފަރާތުން ފާހަނގަ ކުރައްވައެވެ. އެހެންކަމުން، މާލޭގައި ކޮންމެ ރެޔަކު މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ޢާންމު ދަތުރު ފަތުރަށް ހުރަސްއެޅުމަކީ ޓެރަރިޒަމްގެ ޢަމަލަކަށް ބެލެވިދާނެކަމަށާއި، އަދި އެފަދަ ހަރަކާތެއް ރާވާ ހިންގާ މީހުންނާއި، އެކަމުގައި ބައިވެރިވާ މީހުންނާއި، އެކަމަށް ހިއްވަރުދޭ މީހުންވެސް ޓެރަރިޒަމްގެ ކުށުން ކުށްވެރިވުމުގެ ފުރުޞަތު މި ބިލުގައިވާ ގޮތުން އޮންނާނެ ކަމަށް އެފަރާތުން ފާހަނގަ ކުރައްވައެވެ.
'މޮނިޓަރިންގ އެންޑް ކޮންޓްރޯލް' (މޮނިކޮން) އަމުރު ނެރުން.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން 'މޮނިޓަރިންގ އެންޑް ކޮންޓްރޯލް' (މޮނިކޮން) އަމުރަކީ، މުޖުތަމަޢުއަށް ނުރައްކާވެދާނޭފަދަ ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާކަމަށް؛ ނުވަތަ، މުޖުތަމަޢުއަށްނުރައްކާވެދާނޭފަދަ ހަރަކާތެއް ރާވާހިންގާ، ނުވަތަ އެކަމަށް މަގުފަހިކޮށްދީ، އެހީތެރިވެދީ، ނުވަތަ އެކަމަށް މުދާ ނުވަތަ ފައިސާ ޚަރަދުކުރާ ކަމަށް ހޯމް މިނިސްޓަރަށް ޤަބޫލުކުރެވޭ މީހުން؛އުޅޭނޫޅޭ ގޮތް ބެލުމަށްޓަކައި، އެމީހަކަށް ފާރަލުމާއި، ފޯނުކޯލު އަޑުއެހުމާއި، ބަލާފާސްކުރުމާއި، އެމީހާ ދިރިއުޅޭތަންތަނާއި ވަދެ ނުކުމެ ހަދާ ތަންތަން އިތުރު ކޯޓު އަމުރެއް ނެތި ބަލާފާސްކުރުމާއި، ހުއްޓުވުމާއި، ދަތުރުކުރުން މަނާކުރުމާއި، ބައެއް އަސާސީ ޙައްޤުތައް 1 އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ފުލުހުންނަށް ހުއްދަދޭ ލިޔުމެކެވެ.
ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅޭކަމަށް ތުޙުމަތުކޮށް، މީހެއްގެ މައްޗަށް 'މޮނިޓަރިންގ އެންޑް ކޮންޓްރޯލް' (މޮނިކޮން) އަމުރެއް ނެރެދިނުމަށް ބިލުގައިވާ ގޮތުން މިނިސްޓަރަށް ހައިކޯޓަށް ހުށަހެޅިދާނެއެވެ. މިފަދަ އަމުރެއް ނެރެދިނުމަށް ބާއްވާ އަޑުއެހުން ތުޙުމަތު ކުރެވޭ މީހާ ހާޟިރުނުކޮށް، އަދި ތުޙުމަތު ކުރެވޭ ފަރާތަށް އޭނާއާމެދު ހުށަހެޅުމެއް ހުށަހެޅިފައި އޮތްކަން އެންގުމެއް ނެތި ހިންގިދާނޭކަމަށް ބިލުގެ 36 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮވެއެވެ. އަދި ބިލުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އެފަދަ އަމުރެއް ނެރެދިނުމާމެދު ގޮތެއް ނިންމަންޖެހޭނީ މިނިސްޓަރުގެ ހުށަހެޅުން ލިބޭތާ 24 ގަޑިއިރުގެ ތެރޭގައެވެ.
'މޮނިކޮން' އަމުރުން ތަޙްޤީޤީ އިދާރާތަކަށް ލިބޭ ބާރުތައް
'މޮނިކޮން އަމުރުގެ ދަށުން ފުލުހުންނަށް ލިބޭނޭ ބާރުތައް ބިލުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ ބާރުތަކުގެ ތެރޭގައި، އެމީހަކު ވަކިތަނެއްގައި ދިރިއުޅުމަށް އެންގުމާއި، އެމީހަކު ތިރިއުޅޭ ތަނެއްގައި އުޅޭ މީހުންނާއި، އުޅޭނޭ މީހުންގެ ފުރިހަމަ މަޢުލޫމާތު ދިނުމަށް އެންގުމާއި، ދިރިއުޅޭތަނަކުން ނުވަތަ ސަރަޙައްދަކުން ނުވަތަ ރަށަކުން ވަކި ވަގުތެއްގައި ފޭބުމަށް އެންގުން ނުވަތަ ނުކުތުން މަނާކުރުންވެސް ހިމެނެއެވެ. އަދި ވަކި ވަގުތެއްގައި ދަތުރު ފަތުރުކުރުން މަނާކުރުމާއި، ވަކިރަށަކަށް އެރުން މަނާކުރުމާއި، މީހެއްގެ އެކައުންޓާއި، މުދަލާއި، އޭނާއާ ގުޅުންހުރި މީހުންގެ މުދާތަކުގެ ތަފްޞީލު ދިނުމަށް އެންގުމާއި، ކޮންމެ ވަގުތެއްގައިވެސް އެމީހަކު ދިރިއުޅޭތަނާއި، މުދާ ގެންގުޅޭ ތަންތަން ބަލާފާސްކުރެވިދާނެއެވެ.އަދި މީގެއިތުރުން ފުލުހުން އެކަށައަޅާ ތާވަލެއްގެ މަތީން، 'މޮނިކޮން' އަމުރުގެ މުއްދަތުގެ ތެރޭގައި ފުލުހުން ކަނޑައަޅާތަނަކަށް ހާޟިރުވުމަށް ތުހުމަތުކުރެވޭމީހާއަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
ޓެރަރިސްޓް ޖަމާޢަތް
ބިލުގެ 19 ވަނަ މާއްދާގެ ދަށުން، ވަކި ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައި ކަނޑައެޅުމުގެ ބާރު ރައީސުލް ޖުމުހޫރިއްޔާއަށް ލިބިގެންވެއެވެ. އަދި ރައީސުލްޖުމުހޫރިއްޔާ މިފަދައިން ކަނޑައެޅުއްވުމުގައި ކޯޓެއްގެ އަމުރެއް ނުވަތަ ތަޙްޤީޤެއްގެ ނަތީޖާއަކަށް ބުރަވާންޖެހޭ ގޮތަށް ޤާނޫނު ލާޒިމެއް ނުކުރެއެވެ. އެހެންކަމުން، ޓެރަރިސްޓް ޖަމާޢަތް ކަނޑައެޅުމުގެ މުޠުލަޤު ބާރު މި ބިލުން ރައީސުލްޖުމުހޫރިއްޔާއަށް ލިބިދެއެވެ.މިގޮތުން ރައީސުލްޖުހޫރިއްޔާ ވަކި ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ކަނޑައަޅައިފިނަމަ، އެޖަމާޢަތެއް ހިންގާ މީހުންނާއި، އެޖަމާޢަތެއްގެ މެންބަރުންނާއި، އެޖަމާޢަތާ މީހުން ގުޅުވުމަށް މަސައްކަތްކުރާ މީހުންނާއި، އެ ޖަމާޢަތުން ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭ ނުވަތަ އިރުޝާދުދޭ އެންމެން ޓެރަރިޒަމްގެ ކުށުން ކުށްވެރިވާނެއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްއާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބައެއް އިސްވެރިން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާމެދު އިޢުތިރާޟުކޮށް، ނުރުހުން ފާޅުކުރިކަން "އައްޑޫލައިވް" އަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް، ސަރުކާރުގެ ވިސްނުންހުރީ މެެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މި ބިލު މަޖިލީހަށް ހުށަހެޅުމަށް ކަމަށްވެސް ވަނީ މަޢުލުމާތު ލިބިފައެވެ.
ބެރުދުންމާރި ތާޅަފިލީގެ އަޑުގެ ތެރޭގައި އިދިކޮޅު މެންބަރުން މަޝްޢޫލުވެ ތިއްބާ، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން އިތުރު ބިލެއް ފާސްކުރަނީއެވެ. މި ބިލު ޤާނޫނަކަށް ވެއްޖެނަމަ، ރައްޔިތުންގެ މިނިވަންކަމުގައިވެސް ނިމުމުގެ ސިއްކަ ޖެހުނީއެވެ.
އަދި އިދިކޮޅު ސިޔާސީ ފިކުރުތަކަށް ހުރަސް އެޅުމާއި، ސިޔާސީ ވެރިން ހިފައި ހައްޔަރުކުރުމަށް ސަރުކާރަށް ޤާނޫނީ ޙުއްޖަތު ލިބިގެންދާނޭކަމަށް މި ބިލާ ގުޅޭ ގޮތުން، "އައްޑޫލައިވް" އާއި ވާހަކަ ދެއްކި ޤާނޫނީ ވަކީލުން ވިދާޅުވެއެވެ.