Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ކާނަލް ނާޒިމް ފްރޭމްކޮށްގެން ހިންގި ޖަރީމާ ބެލޭނެ ދުވަހެއް އަންނާނެ : ރިޔާޒު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ފްރޭމްކޮށްގެން ހިންގި ޖަރީމާ ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ކާނަލް މުހައްމަދު ނާޒިމްގެ ވަކީލުންގެ ޓީމުގެ ޕްރެސްކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވަނީ ކާނަލް ނާޒިމް ފްރޭމްކުރުމުގެ ޖަރީމާ ހިންގާފައިވަނީ އެސްއޯ ފުލުހުންގެ ތެރެއިން މަދު ބަޔަކު ކަމަށް ވެސް ވިދާޅުވެފައެވެ.

ނާޒިމްގެ މައްސަލައިގައި އެސްއޯ ފުލުހުންގެ ތެރެއިން މަދު ބަޔަކު ހިންގި އަމަލްތަކުގެ ސަބަބުން ރަނގަޅަށް މަސައްކަތް ކުރައްވާ ފުލުހުންގެ މަސައްކަތަށް ވެސް ހުތުރު ލިބިފައިވާ ކަން ވެސް ރިޔާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

"އަޅުގަނޑު ވެސް އުމުރުގެ 25 އަހަރު ހޭދަކުރި ތަނަކަށް ވާތީ މިވާހަކަ މިދައްކަނީ. އެއްވެސް ހާލެއްގަ ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރާކަށް ނޫން އަޅުގަނޑު މިވާހަކަ މިދައްކަނީ. އެތަނުގެ މަދު ބަޔަކު އެތަން ހަލާކު ކުރާކަން އެނގިހުރެ އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކާ ހުންނަން ބޭނުން ނުވެގެން މިވާހަކަ މިދައްކަނީ " ރިޔާޒް ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގައި ހިނގާ ނުރަނގަޅު ކަންތައްތަކުގައ ވާހަކަ ނުދައްކައި އެކަން ނުހުއްޓުވޭނެ ކަން ވެސް ރިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.