Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

"އޯރޯ މޭ" ގެ އާ ތާރީހަކީ އޮގަސްޓް 2

އިއްޔެ ސިނަމާތަކަށް ގެންނަން ނިންމާފައި ވަނިކޮށް ފަސްކުރި އަޖޭ ދޭވްގަނާއި ތައްބޫގެ ލޯބީގެ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ" އަށް އާ ތާރީހެއް ހަމަޖައްސައިފި އެވެ.

މިއަދު އެ ފިލްމުގެ ޓީމުން ބުނީ ބެލުންތެރިންނަށް މިހާރު ފިލްމު ދޫކޮށްލަން ތާވަލުކުރީ އަންނަ މަހުގެ 2 އަށް ކަމަށެވެ. ފިލްމު ފަސްކުރީ އޭގެ އެގްޒިބިޓަރުންނާއި ޑިސްޓްރިބިއުޓަރުންގެ އެދުމުގެ މަތިން ކަމަށް ކުރިން ބުނެފައިވެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އޯރޯ މޭ ކަހާ ދަމް ތާ" ގެ ކާސްޓްގައި ޖިމީ ޝެރްގިލް އާއި ޒުވާން ތަރިން ކަމަށްވާ ސައީ މަންޖްރޭކަރާއި ޝަންތަނޫ މަހޭޝްވަރީ ހިމެނެ އެވެ.

މި ފިލްމަކީ އަޖޭ އާއި ތައްބޫ އެކީގައި ކުޅުނު 13 ވަނަ ފިލްމެވެ.

އަޖޭގެ ދެ ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްކޮށްފައިވެ އެވެ. އެއީ މާޗްގައި ގެނެސްދިން "ޝައިތާން" އާއި އެޕްރީލްގައި ރިލީޒްކުރި "މައިދާން" އެވެ. އަދި މި އަހަރުގެ ނޮވެމްބަރުގައި އޭނަގެ "ސިންގަމް އެގެއިން" ސިނަމާތަކަށް އަންނާނެ އެވެ.

ތައްބޫ އެންމެ ފަހުން ފެނިފައި ވަނީ މާޗްގައި ރިލީޒްކުރި "ކްރޫ" އިންނެވެ.