Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

މި ފޮޓޯ ވަރަށް ހާއްސަ!

މިއީ ހަމަ ވަރަށް ހާއްސަ ފޮޓޯއަކަށް ވެދާނެ އެވެ. މީގައި މި ފެންނަނީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ދެ އަންހެން ދަރިންނެވެ. އެއީ މިހާރުގެ ފިލްމީ ތަރިން ކަމަށްވާ ޖާންވީ ކަޕޫރް، 27، އާއި ޚުޝީ ކަޕޫރް، 23، އެވެ.

ޖާންވީ އަކީ ސްރީދޭވީ އާއި ބޯނީ ކަޕޫރްގެ ދޮށީ ދަރިފުޅެވެ. ފޮޓޯގެ ކަނާތް ފަރާތުން ޖާންވީ ޖެހިގެން ހުރީ އޭނަގެ ލޯބިވެރިޔާ ޝިކާރް ޕަހަރިއާ، 27، އެވެ. އެ ދެ މީހުން ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއްވެފައިވާ އިރު، ވަރަށް ނުސީދާކޮށް އެކި ފަހަރު މަތިން އެ ގުޅުން ރަސްމީކަމުގެ އިޝާރާތްތަކެއް ޖާންވީ ދީފައިވެ އެވެ.

ޝިކާރް އަކީ އެކްޓަރެއް ނޫނެ،ވެ. އެކަމަކު މުމްބާއީގެ ނުޒޫފު ފަދަ ވިޔަފާރި އާއިލާއަކަށް ނިސްބަޔްވާ މީހެކެވެ. އޭނަ ކޮއްކޮ ވީރު މި އަހަރު ބޮލީވުޑަށް ތައާރަފު ވާނެ އެވެ. އެއީ އޮކްޓޯބަރު 2 އަށް ތާވަލުކޮށްފައި އޮތް އަކްޝޭ ކުމާރުގެ "ސްކައި ފޯސް" އިންނެވެ. އޭގެ ކާސްޓްގައި ސާރާ އަލީ ޚާން ވެސް ހިމެނޭ އިރު، އޭނަ އާއި ވީރް ކުރިން ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.

ފޮޓޯ އިން ހުޝީއާ ގާތުން އެ ފެންނަނީ އޭނަގެ ލޯބިވެރިޔާ އެކްޓަރު ވެދާންގް ރައިނާ އެވެ. މި ދެ މީހުން ވެސް ފިލްމީ ދުނިޔެ އަށް ތައާރަފުވީ މިދިޔަ އަހަރުގެ "ދި އާޗީސް" އިންނެވެ. ހުޝީ އާއި ވެދާންގެ ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް އަދި ވަރަށް ޒުވާން ދެ ފަންނާނުން ގުޅުމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މިހާރު ވަރަށް އުންމީދީ އެކްޓަރެއްގެ ގޮތުގައި ފާހަގަކުރެވޭ ވެދާންގް، 24، ގެ ދެވަނަ ފިލްމަކީ މި އަހަރުގެ އޮކްޓޯބަރު 11 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އާލިއާ ބަޓްގެ "ޖިގްރާ" އެވެ.
ހުޝީ މިހާރު އަންނަނީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނާ އެކީ ތަމަޅަ ފިލްމު "ލަވް ޓުޑޭ" ގެ ހިންދީ ރިމޭކްގެ މަސައްކަތް ކުރަމުންނެވެ. އަދި މި އަހަރުގެ ކުރީކޮޅު އޭނަ ވަނީ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނާ އެކީ "ނާދާނިޔާން" ކިޔާ ފިލްމެއް ވެސް ނިންމައިފަ އެވެ.

ޖާންވީ އާއި ހުޝީ އެ މީހުންގެ ލޯބިވެރިންނާ އެކީ ފެންނަ މި ހާއްސަ ފޮޓޯ އަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި ބައިވެރިޔާ ރާދިކާ މާޗަންޓްގެ ކައިވެނީގެ ތައްޔާރީތަކުގެ ތެރެއިން އިއްޔެ ރޭ ބޭއްވި ސަންގީތު ސެރަމަނީން ތިލަވި ފޮޓޯއެކެވެ. މިއީ މި ގޮތަށް ޖާންވީ އާއި ހުޝީ އެ މީހުންގެ ބައިވެރިންނާ އެެއްކޮށް ޕަޕަރާޒީންގެ ކެމެރާ އަށް އެރި ފުރަތަމަ ފަހަރަށްވާތީ، ފޮޓޯ ހާއްސަވެގެން ދިޔައީ އެވެ.

ޖާންވީ އާއި ހުޝީ އަކީ އެކްޓަރު އަރުޖުން ކަޕޫރްގެ އެއްބަފާ ކޮއްކޮއިންނެވެ.