Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

"ޓައިޓޭނިކް" ގެ ޕްރޮޑިއުސަރު މަރުވެއްޖެ

"ޓައިޓޭނިކް" އާއި "އެވަޓާ" ފަދަ ހޮލީވުޑްގެ ވަރުގަދަ ފިލްމުތަކުގެ ޕްރޮޑިއުސަރު ޖޮން ލަންޑޯ މަރުވެއްޖެ އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 63 އަހަރުގައި އޭނަ މަރުވީ މި މަހުގެ 5 ގަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެމެރިކާގެ ނިއު ޔޯކަށް އުފަން ލަންޑޯ އަކީ ދެ ކުދިންގެ ބައްޕައެކެވެ.

އޭނަ މަރުވި އިރު، އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2022 ގައި ރިލީޒްކުރި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އެެވެ. އޭގެ އިތުރު ދެ ބައި އަދި ކުރިއަށް އެބައޮތެވެ. އެގޮތުން ޖޭމްސް ކެމެރޮން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު ސީރީޒްގެ ތިން ވަނަ ބައިގެ މަސައްކަތްތައް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ލަންޑޯ ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އަލީޓާ: ބެޓްލް އެންޖެލް (2019) އާއި ސޮލާރިސް (2002) ގެ އިތުރުން ކޭމްޕަސް މޭން (1987) ހިމެނެ އެވެ. އޭނަ ކޯ-ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރޭގައި ޑިކް ޓްރޭސީ (1990) އަދި ހަނީ، އައި ޝްރަންކް ދަ ކިޑްސް (1989) ހިމެނެ އެވެ.