Last Updated: July 14, 22:13
Sunday, July 14, 2024
ދުނިޔެ

މާރާމާރީ ހިންގި މިނިސްޓަރަކަށް ދައުވާކޮށްފި

ޕަޕްއާ ނިއު ގިނީގެ ޕެޓްރޯލިއަމް މިނިސްޓަރު ޖިމީ މަލްޑީނާ އަންހެނަކާ މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާކޮށްފި އެވެ.

އުމުރުން 58 އަހަރުގެ މިނިސްޓަރު އަންހެނަކަށް ހަމަލާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހު އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑީ ބީޗްގަ އެވެ. އެގޮތުން 31 އަހަރުގެ އަންހެނެއްގެ މޫނުމަތީގައި ޖައްސަވައި ޒަހަމްކޮށްލާފައިވެ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން މިނިސްޓަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޝަރީއަތަށް އެއްބާރުލުން ދެއްވާނެ ކަމަށާއި އޭނަގެ ފަރާތުން ހިނގައި ދިޔަ އަމަލާ މެދު ހިތާމަ ވެސް ކުރައްވާ ކަމަށެވެ. އަދި އޭނަގެ އެ އަމަލަކީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެންނެވި މީހެއްގެ ފަރާތުން ހިނގައިގެން ވާނެ ފަދަ އަމަލެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަހަރެން ގަބޫލު ކުރަން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑުތަކެއް ވެސް ހުންނާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ކުރީކޮޅު ޕެޓްރޯލިއަމް މިނިސްޓަރު ކަމަށް އައްޔަންކުރި ޖިމީ އަކީ ޕަޕްއާ ނިއު ގިނީގެ ސަރުކާރުގެ ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ. އޭނަ އަކީ ރައީސް ރައީސް ޖޭމްސް މަރާޕޭގެ ވަރަށް އިސް މުޝީރެއް ވެސް މެ އެވެ.