Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެމްއެމްޕީއާރްސީގެ ޑީއެމްޑީ ވަކިކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމް މަގާމުން ވަކިކޮށްފި އެވެ.

އޭނަ މަގާމުން ވަކިކުރި އިރު، ބައްސާމަކީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު ތައުފީގު މެއި މަހުގެ ތެރޭގައި މަގާމުން ވަކިކުރުމާ ގުޅިގެން އެމްޑީއަކު އައްޔަންކުރަން ދެން ކުންފުނި ހިންގެވުމުގެ ޒިންމާ ނަންގަމުން ގެންދެވި ބޭފުޅާ އެވެ.

ބައްސާމަކީ މި އަހަރުގެ ކުރީކޮޅު އެމްއެމްޕީއާރްސީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތު ވެސް ކުރެވުނު ބޭފުކެވެ.

ބައްސާމްގެ އިތުރުން އެމްއެމްޕީއާރްސީގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި އިބްރާހީމް އާސިމް ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެ ބޭފުޅުން ވަޒީފާ އިން ވަކިކުރަން ނިންމިކަން ސަރުކާރުން އެންގީ އިއްޔެ އެވެ.

އެމްއެމްޕީއާރްސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ މިދިޔަ މަހު އެ މަގާމަށް އައްޔަންކުރި އިބްރާހީމް ޝިއުރީ އެވެ. އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މި ހަފުތާގައި ދެ ބޭފުޅަކު އައްޔަންކޮށްފައިވެ އެވެ. އެއީ އަބްދުލް ސަމީއު އިމާދާއި އައިޝަތު ހަމީދެވެ.