މިރޭ މާލޭގައި ކުރަމުންދާ މުޒާހަރާ ތަކުގައި އަނިޔާވެގެން ރާއްޖެއިން ބޭރަށް ފޮނުވި 2 ފުލުހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ބުނެ ފުލުހުންގެ ފަރާތުން ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އެ ފުލުހުން ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ބުނާ 2 ފުލުހުންގެ ތެރެއިން އެކެއްގެ ވާތު ކަކުލު ހުޅުގެ ކުޑަ ތަންކޮޅެއް ދުޅަވެފައިވާ ކަމަށާއި އޭނާގެ ކަކުލުގެ މޫވްމަންޓްސް ތައް ވެސް ބަރާބަރު ކަމަށެވެ.

އަދި 2 ވަނަ ފުލުސް މީހާގެ ބޮލުގެ ފަހަތުން 1.5 ސެންޓިމީޓަރުގެ ތަންކޮޅެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި އަދި ބޮލުގެ މެދުން ކުޑަ ޑޮޓެއް ވަރުގެ ތަންކޮޅެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ބޮލުގައި ރިއްސާތީ މި ފުލުސް މީހާގެ ސީޓީ ސްކޭނަށް ހަދާފައިވާއިރު އޭނާގެ ބޮލަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެއެވެ.

" ބޭރަށް ފޮނުވާލާ 2 ވަނަ މީހާގެ ބޮލުން ފަޅައިގެން ގޮސްފައިވަނީ 1.5 ސެންޓިމީޓަރުގެ ތަންކޮޅެއް. ބޮލުގެ މެދުން ކުޑަ ޑޮޓެއް ވަރު. ސީޓީ ސްކޭން ހެދި އިރު އެވެސް ނޯމަލް. ދެން އޭނާގެ މޫނު ކޮންމެވެސް ވަރަކަށް ރަތް ވެފައި ހުރީ.ސީރިއަސް ގެއްލުމެއް ނުލިބޭ. " އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން މުޒާހަރާގެ ބައިވެރިންތަކެއް އަންހެން ފުލުހެއްގެ ބަޑުގައި ޖެހުމުގެ ސަބަބުން ބަޑަށް ތަދުވެގެން އޭނާ ހޮސްޕިޓަލަށް ގެނައި ކަމަށާއި އޭނާ އަށް ވެސް މާބޮޑު އަނިޔާ އެއް ލިބިފައި ނުވާކަމަށް ވެސް ހޮސްޕިޓަލުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވިއެވެ.
"އަންހެން ފުލުހެއްގެ ބަޑުގައި ޖަހައިގެން ގެނައި. އޭނާގެ ބަޑުން ތަންކޮޅެއް ރަތްވެފައި ހުރީ. ދެން ގެނައި ފުލުހުން ވެސް ނެތް މާބޮޑު އަނިޔާ އެއް ވެފައި. އެހެންވީމާ ފުލުހުން ހަދަނީ ކަޑައެޅިގެން ދޮގެއް" އޭނާ ވިދާޅުވިއެވެ.
މިރޭ ޗާންދަނީ މަގުގައި ކުރިޔަށް ދިޔަ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންގެ އަނިޔާ ކުރި ދެ ފުލުހުންގެ ހާލު ވަރަށް ސީރިޔަސް ކަމަށްް ފުލުހުން މިރޭ މީޑިޔާގައި ބުނެފައިވާ އިރު މިހާރު އިތުރު ފަރުވާއަށް ކަމަށް ބުނެ އެ ފުލުހުން މިހާރު ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި މިރޭ ރާއްޖެއިން ބޭރަށް ފޮނުވި ކޮންމެ ފުލުހަކަށް ވެސް 9 ސީޓް ނަގާފައިވެއެވެ. އަދި މީގެ އިތުރުން ކޮންމެ ފުލުހަކާއި އެކު ޑޮކްޓަރެއްގެ އިތުރުން އާއިލާގެ ބައެއް މެންބަރުން ވެސް މިރޭ ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ވެއެވެ.