Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

ޖާންވީގެ "އުލާޖް" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި

ބޮލީވުޑްގެ ޒުވާން ބަތަލާ، ޖާންވީ ކަޕޫރް އިންޑިއާގެ ޑިޕްލޮމެޓެއްގެ ރޯލު ކުޅެފައިވާ ފިލްމު "އުލާޖް" ގެ ޕޯސްޓަރުތަކެއް ދައްކާލައި ފިލްމު ރިލީޒްކުރާ އާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.

ކުރިން މި ފިލްމު ސިނަމާތަކަށް ގެންނަން ޕްލޭންކުރީ މި މަހުގެ 5 ގަ އެވެ. ނަމަވެސް އެޕްރީލް މަހުގެ ތެރޭގައި "އުލާޖް" ފަސްކުރިކަން ހާމަކުރުމަށް ފަހު، މިހާރު އާ ތާރީހަކަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 2 އެވެ. ފިލްމުގެ ޕޯސްޓަރުތަކެއް މިއަދު ދައްކައިލުމުގެ ކުރިން މީގެ ޓީޒާއެއް ވެސް އެޕްރީލް މަހުގެ ތެރޭގައި އާންމުކުރި އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ސުދާންޝޫ ސޫރިއާ ޑައިރެކްޓްކޮށްފައިވާ "އުލާޖް" ގެ ކާސްޓްގައި ގުލްޝަން ދެވިއާ، ރޯޝަން މެތިއު އަދި ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ ސަޗިން ކެޑެކްރް އާއި އާދިލް ހުސައިން ވެސް ހިމެނެ އެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ، 27، ގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކުރި ރޮމޭންޓިކް ސްޕޯޓްސް ޑްރާމާ "މިސްޓަ އެންޑް މިސިޒް މާހީ" އެވެ.

"އުލާޖް" އަންނަ މަހު ގެނެސްދޭން ނިންމި އިރު، ޖާންވީ ޖާންވީގެ ތެލެގޫ އެކްޝަން ޑްރާމާ "ދެވާރާ: ޕާޓް 1" ސެޕްޓެމްބަރު 27 ގައި ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ.