Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

އެކި ފަރާތްތަކުން 1.3 މިލިއަން ގަސް އިންދަން ޝައުގުވެރިވެއްޖެ

މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުމަށް ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މިހާތަަނަށް އެކި ފަރާތްތަކުން 1.3 މިލިއަން ގަސް އިންދަން ޝައުގުވެރިވެފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މި ޕްރޮގްރާމްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ އުސޫލަކީ މިނިސްޓްރީގެ ވެބްސައިޓްގައިވާ ފޯމް ފުރައި، އޭގައި އިންދަން ގަސްތުކުރާ ގަސްތަކުގެ އަދަދާ، ގަހުގެ ބާވަތާ، ގަސް އިންދާ ލޮކޭޝަން އެނގޭ ޕްލެޖެއް ކުރުން ކަމަަށެވެ.

"މިހާތަަނަށް އެކި ފަރާތްތަކުން ކުރައްވާފައިވާ ޕްލެޖަށް ބަލާއިރުގައި 1.3 މިލިއަން ގަސް އިންދުމަށް ޕްލެޖް ވަނީ އެކި ފަރާތްކުން ކުރައްވާފައި،" ތޯރިގު ވިދާޅުވި އެވެ.

ގަސް އިންދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ސްކޫލްތަކާއި ރިސޯޓްތައް އަދި މަދަނީ ޖަމިއްޔާތަައް ހިމެނޭ ކަމަށް ތޯރިގު ވިދާޅުވި އެވެ. އަދު މަޝްރޫޢު އިތުރަށް ފުޅާކުރަން 5 މިލިއަން ގަސް އިންދުމުގެ ސިޔާސަތު ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޔޫއޭއީގައި އޮތް "ކޮޕް28" ގަ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މާލޭގެ އިތުރުން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ގަސް އިންދުމުގެ ބިޔަ ޕްރޮގްރާމްގައި އިސްކަން ދޭނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާ ކަމަށް 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، ޕްރޮގްރާމްގައި އެ ބާވަތުގެ ގަސްތައް އިންދާނެ އެވެ.