Last Updated: July 14, 22:13
Sunday, July 14, 2024
މުނިފޫހިފިލުވުން

ވަރޫންގެ އާ ފިލްމަށް ނަމެއް ލިބިއްޖެ

އަންނަ ހުކުރު ދުވަހު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ބޮލީވުޑްގެ ތަރި، ވަރޫން ދަވަންގެ އާ ފިލްމުގެ ނަމަކީ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ކަމަށް ރިޕޯޓްތަައް ބުނެފި އެވެ.

މި ފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ވަރޫންގެ ބައްޕަ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ހަދަން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ ބަތަލާއިންނަކީ މުރްނާލް ތާކޫރާއި ދެކުނުގެ ބަތަލާ ސްރީލީލާ އެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.

"ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އަކީ ބައްޕައާ ވަރޫން މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ. އެ ދެބަފައިން އެކީގައި ކުރިން ގެނެސްދިން ފިލްމުތަކަކީ 2020 ގެ "ކޫލީ ނަމްބަރު 1" އާއި 2017 ގެ "ޖުޅުވާ 2" ގެ އިތުރުން 2014 ގެ "މޭ ތޭރާ ހީރޯ" އެވެ.

ވަރޫންގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "ބޭބީ ޖޯން" އެވެ.

މިދިޔަ އަހަރުގެ "ބަވާލް" އިން ފެނިގެން ދިޔަ އެކްޓަރު އަންނަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ޝިޝާންކް ކައިތާން ޑައިރެކްޓްކުރާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރު" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އަންނަ އަހަރުގެ އެޕްރީލަށް ތާވަލުކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ "ބަވާލް" ގެ ވެސް ބަތަލާ ޖާންވީ ކަޕޫރެވެ.