ވެމްކޯގެ ޙިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ރިސޯޓްތަކުން ކުނި ނެގުމުގެ ޙިދުމަތް ފަށައިފި އެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދު މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި މި ހިދުމަތް ފެށުމުގެ ގޮތުން ވެމްކޯއާއެކު ކޮރާ ކޮރާ މޯލްޑިވްސް ރިސޯޓުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ވެމްކޯ އިން ބުނީ ރިސޯޓް ކަލެކްޝަންގެ ޙިދުމަތް ވެމްކޯ އިން ފެށީ ރިސޯޓްތަކުން، ވެމްކޯގެ ސަރަޙައްދީ ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދިޔުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭތީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށެވެ. މި ޙިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާ އިން 17 އޯގަސްޓް 2021 ގައި ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާއިދުގެ 5 ވަނަ އިސްލާހުގައިވާ ގޮތުގެ މަތީން، ރިސޯޓްތަކުން ނެގޭ ކުނި ވެސް ނެގޭނީ ޕްލާސްޓިކް، ބަދިގެ ކުނި ބިއްލޫރި/މައުދަން އަދި އެހެނިހެން ކުނި ހިމެނޭހެން 4 ބަޔަށް ވަކިކުރުމަށް ފަހު ކަމަށް ވެމްކޯ އިން މައުލޫމާތުދެ އެވެ.