މިއުޝާރު ސޯލިހް އާއި މިރުޝާން ސޯލިހް މުޒާހަރާގެ ކުރީ ސަފުގައި ތިބެގެން ދިޔައީ އެހެން ބައިވެރިންނާއި އެކު އިސްލާމީ މަރުކަޒަށް މަޣްރިބް ނަމާދު ކުރުމަށެވެ. ނަމަވެސް މަސްމާރުކޭޓައި ހިސާބުން ފުލުހުން މަގު ބަންދުކޮށްފައި އޮތުމުން އެމީހުންނަށް ޖެހުނީ އެހިސާބުގައި މަޑުކޮށްލާށެވެ.
އޭރު އެތަނަށް އެއްވެ ތިބި މީހުންނާއި ފުލުހުންނާއި ދެމެދު އެއްވެސް ވަރެއްގެ ކުރިމަތިލުމެއް ނުހިނގި ނަމަވެސް މުޒާހަރާގެ ބައިވެރިން ދިޔައީ އެމީހުން ނަމާދަށް ދިއުމަށް ހުރަސް ނޭޅުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. އެހެންތިއްބާ ފުލުހުން ބިންމަތީގައި ޝީލްޑްތަކުން ޖެހުމަށް ފަހު މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ދުއްވައިގަތީއެވެ.

މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ދުވެފައި އައި ފުލުހުން ހޫރާލި ޝީލްޑަކުން ޖެހި މިރްޝާންގެ ބޯފަޅައިގެން ދިއުމުގެ ސަބަބުން އޭނާ ބިންމައްޗަށް ވެއްޓުނެވެ. އެ މަންޒަރު ބަލަން ނުހުރެ އޭނާގެ ބޭބެ މިއުޝާރު މަސައްކަތް ކުރީ އޭނާ ގޮވައިގެން އެސަރަހައްދުން ދުރަށް ދެވޭތޯ އެވެ. ނަމަވެސް ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައި ދެބެއިން ވެސް ހައްޔަރުކޮށްފައެވެ.

މިއަދު 2 ޖަހާއިރު ދެބެއިން ވެސް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ބެލެވޭއިރު އާއިލާގެ މެންބަރުން ތިބީ އެމީހުންގެ ހާލު ނޭނގިގެން ކަންބޮޑުވެފައެވެ. އަނިޔާވެރިކަމާއި ދެކޮޅަށް ނިކުތް މިޤައުމުގެ ދަރިއަކަށް އަނިޔާ ލިބި ހައްޔަރު ކުރެވުނީއެވެ. އަނިޔާ ލިބުނު ކޮއްކޮއަށް އެހީތެރިވާން ދިޔަ ބޭބެ ވެސް ހައްޔަރުކުރެވުނީއެވެ.
ނަޒާހަތްތެރިކަމުގެ އެފަދަ ދެވަނަ އެއް ނެތް ފަނޑިޔާރުން ތިއްބަވާ ކޯޓުގައި ފުލުހުން އެމީހުންގެ ކުށެއް ކަމަށް ދައްކާނީ ކޮންވާހަކައެއް ކަމެއް ނޭނގެއެވެ.
ބައެއް މީހުން ބުނެފާނެއެވެ. އެމީހުން ގޭގައި ތިބި ނަމަ އެ އަނިޔާއެއް ނުވާނެއެވެ. ސުވާލަކީ ސަރުކާރެއްގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ދާއިރު އަދިވެސް ބަލަހައްޓައިގެން ތިބެންވީތޯއެވެ ؟ މާދަމާ އަނިޔާ ލިބޭނީ ހަމަ އާއިލާގެ މެންބަރަކަށް ނޫންކަމެއް ނޭނގޭނެއެވެ.