Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

އެއާ ސާވިސް ކޮންގްރެސް އިން ވަރަށް ބޮޑަށް އިޝްތިހާރުވެއްޖެ

އެއާ ސާވިސް ވޯލްޑް ކޮންގްރެސް އިން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނެފި އެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވީ މި ކޮންގްރެސްގައި ދުނިޔޭގެ ގިނަ އެއާޕޯޓުތަކާއި އެއާލައިންތަކާއި ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެވެލް އެޖެންޓުންނާއި އެހެނިހެން ގޮތްގޮތުން މި ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ. މިއީ ޓްރެވެލް އިންޑަސްޓްރީގައި އުޅޭ އެތައް ހާސް ބަޔަކަށް ރާއްޖެ އިޝްތިހާރުވެ، ރާއްޖޭގެ އެއާޕޯޓު އިޝްތިހާރުވެގެންދާނެ ފަދަ އިވެންޓެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ އަނެއްހެން ދަންނަވަންޏާ މާކެޓިން ވަރަށް ބޮޑު އިވެންޓެއް،" މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ މި އިވެންޓުގެ ސަބަބުން ރާއްޖެ އަށް އެހެން އެއާލައިންތައް އެކްޓްރެކްޓް ކުރުމުގައި އަދި އެއާލައިންތައް ގެނައުމުގެ އިތުރަށް ފަތުރުވެރިން ރާއްޖެ އަށް ޝައުގުވެރި ކުރުވުމުގައި ވެސް ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ.

އެއާ ސާވިސް ކޮންގްރެސް އަކީ ވަރަށް ކާމިޔާބު އިވެންޓެއް ކަމަށް މި އިވެންޓުގައި ބައިވެރިވި ފަރާތްތަކުން ވެސް ބުނެފައިވާ ކަމަށާއި ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން އެމްއޭސީއެލް އިން ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއާ ސާވިސް ވޯލްޑް ކޮންގްރެސް" ގައި ޖުމްލަ 27 އެއާލައިނަކާއި 17 އެއާޕޯޓާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެ އެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މިކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.