Last Updated: April 30, 12:06
Tuesday, April 30, 2024
ކޮލަމް

ޒުވާނުން މާޔޫސް ނުވާށެވެ.

ކޮންމެ ގައުމެއްގައިވެސް ޒުވާނުންނަކީ އެގައުމެއްގެ އެންމެ އަގުބޮޑު ރައުސްމާލެވެ. ޤައުމެއް ކުރިއަރައި ދިއުމާއި ތަރައްޤީވުން ބިނާވެފައިވަނީ އެތަނެއްގެ ޒުވާނުންގެ ތަޢުލީމާއި، ހުނަރާއި، ސުލޫކާއި އަދި އެމީހުންގެ ހަރުދަނާކަމުގެ މައްޗަށެވެ.
އެ މީހުންގެ އަޚުލާގާއި އުޅުމާއި ސުލޫކުގެ މައްޗަށެވެ. ޤައުމުގެ މުސްތަޤުބަލާމެދު ކުރެވޭ އުންމީދުތަކުގެ ހަޤީޤީ މޭސްތިރީންނަކީ އެޤައުމެއްގެ ޒުވާނުންނެވެ.

ރާއްޖޭގެ އާބާދީގެ %42 އަކީ ޒުވާނުންނަށްވާ އިރު މީގެ ތެރެއިން ގިނަ ޒުވާނުންނަކީ އަދާކުރާނެ ވަޒީފާއެއް ނެތި ނުވަތަ ވަޒީފާ އަދާކުރަން ބޭނުންނުވާ ޒުވާނުންނެވެ. އެކަމަކު ކޮންމެ ޒުވާނަކީވެސް އަރާމާއި މުއްސަދި ދިރިއުޅުމެއް އުޅެންބޭނުންވާ މީހެއްކަމާއި މެދު ޝައްކެތް ނެތެވެ. މީގެތެރެއިން ގިނަ ޒުވާނުންނަކީ އެކަށީގެންވާ ތަޢުލީމާއި ހުނަރެއްނެތް މީހުންނޭ ބުނުމަކީ ކުށަކަށް ނުވާނެ ކަން ކަށަވަރެވެ.
ދިމާވާ ސަބަބަކާހުރެ ތިމާއަށް އެކަށީގެންވާ ތަޢުލީމާއި ހުނަރު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެމާނައަކީ ތިމާއަކީ ދިރިއުޅުމުގައި ފެއިލްވެފައިވާ މީހެއްކަމަށް ގަބޫލު ކޮށްގެން ހަޑިމުޑުދާރު ފާހިޝް ކަންތައްތަކަށް އަރައިގެން ތިމާގެ ދެދުނިޔޭގެ ޙަޔާތް ބަރުބާދު ކޮށްލުމެއްނޫނެވެ.

ތިޔައެންމެ ބޭފުޅުންވެސް ވަރަށް ގިނައިން އަޑުއައްސަވާނެ، ކިޔެވުމުގައި މާބޮޑު ކާމިޔާބީއެއް ނުހޯދުނުމީހަކު، ފާސް ނުވެގެން ސްކޫލުން ޑްރޮޕް ފެފައިވާ މިވެނިމީހަކު ދުނިއޭގެ އެންމެ ބޮޑު ސައެންސިސްޓަކަށްވި ވާހަކަ ނުވަތަ މައިންބަފައިންގެ ކިބައިގައި ކުޅަދާނަކަން ނެތިގެން ކިޔެވުމުން މަޙުރޫމު ވެފައިވާ މީހަކު ދުނިޔޭގެބޮޑު މަހުޖަނުންގެ ގޮތުގައި ހިމެނިގެންދިޔަވާހަކަ، ނުވަތަ މިފަދަ މީހަކު ދުނިގެ ކޮންމެވެސް ގައުމެއްގެ އިސްވެރިޔަކަށް އިންތިޚާބުކުރެވުނު ވާހަކަ، މިފަދަ ކިތެންމެ ވާހަކަ ތަކެކެވެ. މިއީ ކިތެންމެހާވެސް ބޮޑަށް އަޅުގަޑުމެން، ޚާއްސަކޮށް އަޅުގަޑުމެންގެ ޒުވާނުން ވަރަށްގަޔާވާ ވާހަކަތަކެކެވެ.

އެއީ އަޅުގަޑުމެންގެ ނަފުސުވެސް އެކަންކަމަށް އެދޭ މިންވަރު ބޮޑުކަމުންނެވެ. އަޅުގަޑުމެންގެ ކޮންމެ މީހަކީވެސް ބިލްގޭޓްސް ފަދަ ބޮޑު މަހުޖަނަކަށް ވާން ބޭނުންވާނެ މީހެކެވެ.
ފޭސްބުކްގެ ބާނީ މާރކް ޒުކާރބާގް ނުވަތަ އެޕަލްގެ ވެރިޔާ ސްޓީވް ޖޮބްސް އަކީ އެމީހުންގެ ތައުލީމު ފުރިހަމަ ނުކުރެވި އަމަލީ މައިދާނަށް ނުކުތް މީހުންނެވެ. އެކަމަކު ދުނިޔެ އަށް ބޮޑު އިންގިލާބަށް ގެނެސް ދިން ބަޔެކެވެ.

ސުވާލަކީ ތައުލީމީ ހަޔާތުގައި ފެއިލްވެފައިވާ އެހެނަސް ޢަމަލީ މައިދާނުގައި ކާމިޔާބު މިފަދަބަޡަލުންގެ ވާހަކަ އަޅުގަޑުމެން އެހާ އަޑުއަހާ ހިތްވާ ވާހަކަތަކަށްވީ ކީއްވެގެންތޯއެވެ؟ ދެންނެވޭނީ ވަރަށް ސިދާސާދާ ޖަވާބެކެވެ. އަޅުގަޑުމެން ކަންނެތްވެފަ ބުރަމަސައްކަތް ކުރަން ބޭނުންނުވާތީ އެވެ. ޝައްކެއްނެތް މައިކްރޯސޮފްޓްގެ ވެރިޔާ އަކީ ތައުލީމީ ހަޔާތް ފުރިހަމަ ނުކޮށް އޭނަކިޔެވި ކްލެޖުން ވަކިވެފައިވާ މީހެކެވެ.

އެކަމަކު މިއަދު އޭނައަކީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުންގެ ތެރޭގައި ހިމެނޭ، ގާތްގަޑަކަށް 65 ބިލިޔަން އެމެރިކާ ޑޮލަރ އޭނަގެ މިލްކިޔާތުގައި ހިމެނޭ ބޮޑުމުއްސަންޖެކެވެ. ނަމަވެސް އެފަދަ ބޮޑު މަހުޖަނަކަށް ވުމަށްޓަކައި އޭނަކުރި ބުރަމަސައްކަތަކީ ކޮބައިކަން އަޅުގަޑުމެންނަށް އިޙުސާސް ނުކުރެވެއެވެ. މިފަދަވާހަކަތައް އަޅުގަޑުމެންގެ ޒުވާނުންނަށް ކިޔައިދީގެން ނުވަތަ އެވާހަކަތައް ހަނދާނަށްގެނެސްގެން ޒުވާނުން މޯޓިވޭޓް ކުރުމަކީ އެންމެ ރަގަޅު ގޮތްކަމަކަށް އަޅުގަޑު ނުދެކެމެވެ. މައިގަޑު ދެސަބަބަކަށްޓަކައެވެ.

ފުރަތަމަސަބަބަކީ : ކޮންމެ އިންސާނަކީ ބިލްގޭޓްސް ނުވަތަ ޖޮބްސްޓީވްފަދަ މީހަކަށް ވެވޭނެމީހެއްނޫނެވެ. އިންސާނުންނަކީ ފުރިހަސިކުޑިއެއް ﷲ ދެއްވާފައިވާ އެއިލާހުގެ މަޚޫލޫގުންވެ. އެހެނަސް އިންސާނުންގެ ސިކުޑިތަކަށްދެއްވާފައިވާ ވިސްނުމުގެ ތޫނުފިލިކަން ތަފާތެވެ. އެއީ ﷲ ދެއްވާ ނިޢުމަތެކެވެ. ﷲ އެއަޅަކަށް މިނި ޢުމަތްތައް ދެއްވާ ފަރާތަކަށް އެހެންއެއްވެސް މީހަކަށް ޗެލެންޖެއް ނުކުރެވޭނެއެވެ. މީގެ މާނައަކީ އިންސާނުނަށް ﷲ ދެއްވާފައިވާ ސިކުޑީގައި ތަފާތުތަކެއް ހުރިވާހަކައެއްނޫނެވެ.

ކުރިން ދެންނެވި ފަދައިން ކޮންމެ އިންސާނަކުވެސް އުފެދިފައިވަނީ ފުރިހަމަ ސިކުޑިއަކާއެކުއެވެ. ތަފާތުކުރުމެއްނެތިއެވެ. އެކަމަކު ބައެއް އިންސާނުން އެމީހަކު އުފަންވާ ޢާއިލާއެއްގެ ސަބަބުން ނުވަތަ ދިރިއުޅޭ މުޖުތަމައެއްގެ ސަބަބުން ސިކުޑިބޭނުން ކޮށްގެން ދުނިޔެވީ ކަންކަމުގައި ކާމިޔާބު ހޯދުމަށް ހުރަހަކަށްވެދާނެއެވެ.

މުއްސަދި ޢާއިލާއަކަށް އުފަންވާ ކުއްޖާއަށް ލިބިދޭ ރަނުގެފުރުސަތުތަކެއް ފަގީރު ނިކަމެތި ޢާއިލާއަކަށް އުފަންވާ ކުއްޖަކަށް ނުލިބި ހިނގައިދާނެއެވެ. ތަޢުލީމާއި ތަރުބިއްޔަތުވުމަށާއި ދުނިޔެވީ ކަންކަމުގައި ކުރިއަށް ދިޔުމަށް މަހުޖަނު ގާސިމު އިބުރާހީމުގެ ދަރިފުޅަށް ލިބިދޭ ފުރުސަތުތަކެއް ރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ މަސްވެރިމީހާގެ ދަރިފުޅަށް ނުލިބިހިގައިދާނެއެވެ. އެހެންކަމުން ބޮޑަށް ބުރަވެވެނީ މަސްވެރިޔާގެ ދަރިފުޅުވާނީ މަސްވެރިއަކަށެވެ.

ކާމިޔާބުވުމަށްޓަކައި މިފަދަ އަފުލާތޫނީ ހަސްތީތައް ނުރަގަޅު ގޮތަށް ހާމަކޮށްދޭ އަނެއްސަބަބު ވަރަށް ހެއްވައެވެ. އަޅުގަޑުމެން މިފަދަ ވާހަކަތައް ދައްކާ އަޑުއަހާއިރު ހިތައްފިނިކަން ގެނެސްދޭ ކަމަކީ އެފަދަ ބަތަލުން ކާމިޔާބީއާއި ހަމަޔަށްވާސިލްވީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު މަސައްކަތް ކޮށްގެން ކަމަށްވާތީ އެވެ. ކަމެއްގައި އެއް ފަހަރު ފެއިލް ވުމުން އެކަން އެއްކޮށް ދޫކޮށްލަނީ ނޫން ކަމެވެ. އެކަމަކު މިކަމުގައި ދެ އުނި ސިފައެއްވެ އެވެ.

ފުރަތަމަ ސިފައަކީ މަސައްކަތެއްގައި ފުރަތަމަ ފަހަރަށް ފެއިލްވުމުން ދެވަނަފަހަރުވެސް ފުރަތަމަ ކަންކުރި އުސޫލުން ކަންތައް ކުރަން އުޅުމެވެ. މިއަކީ ބުއްދިވެރިން ކަންތައް ކުރާ އުސޫލެއްނޫނެވެ. މިސާލަކަށް މީހަކު ކަޅުބިލަމަސް ބޭނުމަށްޓަކައި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ކައިރީގައިވާ ކުޅީގައި ކިތެންމެ ވަރަކަށް ދޮށި އެޅިއެއްކަމަކު އެތަނުން ކަޅުބިލަ މަހެއް ނުބޭނޭނެއެވެ. ކަޅުބިލަމަސް ބޭނޭނީ މާ ކަޑުންނެވެ.
ދެވަނަ ސިފައަކީ ފަސޭހަކަމާ އެކު މަސައްކަތުގައި ކާމިޔާބުކުރާ މީހުން ކާމިޔާބުހޯދި ގޮތުގެ މަޢުލޫމާތު ވަރަށްރަގަޅަށް އަޅުގަޑުމެންނަށް އެގޭއިރު ކަންކަމުގައި ފެއިލްވާމީހުން ފެއިލްވީ ކީއްވެގެންކަން އަދި ދިމާވި ގޮންޖެހުންތަކަކީ ކޮބައިކަން ދަނެގަންނަން ގިނަމީހުން ބޭނުންނުވާކަމެވެ.

އެހެންކަމުން އަދުގެ ޒުވާނުން، ކާމިޔާބު ބަތަލުންނަކީ ތިމާގެ ރޯލްމޮޑެލް އަކަށް ހެދުމަކީ ގޯސްކަމެއްނޫނެވެ. އެކަމަކު ބިލްގޭޓްސް މަލްޓި ބިލިއަނަރަކަށްވީ ބީދައިން ތިމާ މުއްސަދި މަހުޖަނަކަށް ނުވާންވީ ސަބަބެއްނެތްކަމަށް ވިސްނުމަކީ އަމިއްލަ ނަފުސަށް ދޯކާ ދިނުންކަން ކަށަވެރެވެ.
ތިމާގެ މަސައްކަތުގައި އެއްފަހަރު ފެއިލްވުމުން ހިތްވަރު ބަލިވެ އެހިސާބުން މާޔޫސްވާންވީއެއްނޫނެވެ. ﷲ އަށް ފުރިހަމައަށް ބަރޯސާކޮށްގެން، ފުރަތަފަހަރު ފެއިލްވިސަބަބު ހޯދައިގެން އެހެން ގޮތަކަށް އެކަން ކާމިޔާބު ކުރަން ހިތްވަރާ އެކު މަސައްކަތް ކުރަންވީ އެވެ. ﷲ ތިބާގެ މަސައްކަތް ކާމިޔާބު ކުރައްވާނެކަން ކަށަވަރެވެ. އޭރުން ދެދު ނިޔޭގެ އުފަލާއި އަރާމު ލިބިގެން ދާނެކަން ކަށަވަރެވެ.