އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި، ފަލަސްތީނުގެ ޣައްޒާ ސިޓީގައި ޝަހީދު ކޮށްލާފައިވާ ގިނަ ބައެއްގެ ހަށިތައް ހޯދައިވެއެވެ.
ޣައްޒާސިޓީގެ ބޮޑުބައެއް އިޒްރޭލު ސިފައިން ހިފައިގެންތިބެ ހިންގި ގަތުލުއާންމަށްފަހު އެ ސިޓީގެ ބަޔަކުން އިޒްރޭލު ސިފައިން ވަނީ ފައިބާފައެވެ. އޭގެފަހުން މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެ ހިސާބުތައް ބަލާ، ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާތަނަށް ހޯދިފައިވަނީ ޝަހީދު ކޮށްލާފައިވާ 60 މީހުންގެ ހަށިތަކެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނަ އަަދަދަކަށް ހިމެނޭ ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ. މީގެން ބައެއް މީހުންނަށް ކުއްތާ ހަމަލާދީފައިވާކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށާއި، މީގެން ބައެއް ހަށިތައް ހޮސްޕިޓަލަށް ގެންދިޔައިރު އަނެއްބައި ހަށިތައް ވަގުތުން ވަޅުލާފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ.
އަދިވެސް ގިނަ އަދަދެއްގެ މީހުންގެ ހަށިތައް ނުހޯދި ހުރިކަމަށް ބެލެވޭކަމަށާއި އެ ހަށިތައްވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވެއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 38300 އަށް ވުރެ މައްޗަށް އަރާފައެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި އެދިފައެވެ.