Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ސަލާމަތީ ބާރުތަކަށް ރިޔާޒު ރަޝީދު އިންޒާރު ދެއްވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ދިފާއުގައި ކުރަންޖެހުނު ހުރިހާކަމެއް ސަރުކާރު ކޯލިޝަން ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުން ކުރާނެ ކަމަށާއި ދައުލަތުގެ ސަލާމަތީ ބާރުތަކަށާއި މިނިވަން މުއައްސަސާތަކުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު އަދާ ނުކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ދެއްވައިފިއެވެ.

އަނިޔާވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރާ މީހުން "ބަޣާވަތް" ކުރާ ބައެއްގެ ގޮތުގައި ސިފަކުރެއްވައި އޭނާ ވިދާޅުވިގޮތުގައި ގާނޫނުއަސާސީގެ ބޭރުން އަދި ރިޔާސީ ދައުރު ހަމަވުމުގެ ކުރިން ވެރިކަން ވައްޓާލުމަށް މަގުމައްޗަށް ނުކުންނަ މީހުންނަކީ "ބަޣާވަތް" ކުރަން ނުކުންނަ ބައެއް ކަމަށެވެ.

ރިޔާޒު ވިދާޅުވީ ގާނޫނާއި ހިލާފަށް ސަރުކާރު ބަދަލުކުރަން ނުކުމެގެން އެކަން ކާމިޔާބު ނުވާނެކަމަށާއި ގާނޫނީ އިމުގެ ތެރެއިން އެކަން ކުރެވޭނެ މަގުތައް އެބަހުރި ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ބަދަލު ކުރުމުގެ ގާނޫނީ ބާރު ލިބިގެންވާ ކަމަށާއި އެނޫން ގޮތަކަށް ސަރުކާރު ބަދަލު ކުރުމަށް މަގުމައްޗަށް ނުކުތުމަކީ ބަޣާވަތް ކުރުން ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އަމަލީ ގޮތުން އިސް ދައުރެއް އަދާކުރައްވާފައިވާ ރިޔާޒު ވިދާޅުވީ ސަރުކާރު ވައްޓާލުމަށް މިއަދު މަގުމައްޗަށް ނުކުމެ އުޅޭ މީހުންގެ ކިބައިގައި އެކަމުގެ ތަޖުރިބާ ނެތް ކަމަށެވެ.