Last Updated: July 6, 22:22
Monday, July 7, 2025
ޚަބަރު

މުޒާހަރާއަށް ނުކުތް މީހުންގެ ކިބައިން ފެނިގެން ދިޔައީ އަނިޔާވެރިކަން : މައުމޫން

"އަނިޔާވެރިކަމާ ދެކޮޅަށް" ކަމަށްބުނެ މިދިޔަ ހުކުރު ދުވަހު މުޒާހަރާއަށް ނުކުތް މީހުންގެ ކިބައިން ފެނިގެން ދިޔައީ އަނިޔާވެރިކަން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ފާރިޝް މައުމޫންގެ ކެންޕޭނަށް މ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެއްވަމުން މައުމޫން ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ސުލްހަމަސަލަސްކަމާ އެކު މުޒާހަރާ ބޭއްވުމަކީ ޕީޕީއެމުން ވެސް ތާއީދުކުރާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް ހުކުރު ދުވަހު، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބޭއްވީ، ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނަ ބަޔަކު އަނިޔާވެރިވެގެން ނުވާނެކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނަ ބަޔަކު އަނިޔާވެރިވެގެން ނުވާނެ. އަޅުގަނޑަށް ފެނުނީ އެއާ އިދިކޮޅަށް. އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނަނީ އޭ ކިޔާފައި ފުލުހުންނަށް އަނިޔާކުރި މީހުން ފެނިގެން މިދިޔައީ. އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނަން ޖެހޭނީ ހަގީގަތުގައި ވެސް އިންސާފަށް ލޯބިކުރާ، އެއްވެސް ބަޔަކަށް އަނިޔާ ނުކުރާ ބައެއް. އެކަމަކު އެމީހުންގެ އަމަލްތަކުން އެމީހުންނަކީ އަނިޔާކުރާ ބަޔެއް ކަމަށް ފެނިއްޖިއްޔާ އެ ދައްކާ ވާހަކަ އެއްވެސް ބަޔަކު ގަބޫލެއް ނުކުރާނެ،" މައުމޫން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އެދުވަހު ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވި ހަރުދަނާ ސިޔާސަތު ފާހަގަކުރައްވައި އެކަމަށް ވެސް މައުމޫން މަރުހަބާ ދެންނެވި އެވެ. އަދި އެ ދުވަހު ސަލާމަތީ ބާރުތަކުން ކަންކުރި ގޮތް ފާހަގަކުރައްވައި އެކަމަށްޓަކައި ސިފައިންނަށާއި ފުލުހުންނަށް ޝުކުރުއަދާކުރެއްވި އެވެ.