Last Updated: July 29, 23:08
Tuesday, July 29, 2025
ކުޅިވަރު

ތައްޓާ އެކު ގައުމީ ބަތަލުންނަށް ހޫނު މަރުހަބާއެއް

އިންގްލެންޑް 2-1 އިން ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ސްޕެއިން ޓީމު އެނބުރި ގައުމަށް ދިޔުމުން، އެ ގައުމުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ސްޕެއިން ޓީމު އިއްޔެ އެނބުރި ގައުމަށް ދިޔުމުން އެންމެ ފުރަތަމަ ވެސް މަރުހަބާ ދެންނެވީ އެގައުމުގެ ރަސްގެފާނު ފެލިޕޭ އާއި އޭނާގެ އާއިލާ އިންނެވެ. ރަސްގެފާނު ފެލިޕޭ ވަނީ ސްޕެއިން ޓީމުން ހޯދި ކާމިޔާބީ އަށް މަރުހަބާ ދަންނަވާފަ އެވެ.

ރަސްގެފާނާއި ބައްދަލުކުރުމަށްފަހު ސްޕެއިން ޓީމުގެ ކުޅުންތެރިން ކާމިޔާބީ ފާހަގަކުރަން ދެން ދިޔައީ މެޑްރިޑްގެ ސިބެލިސް ސްކޮޔާ އަށެވެ. އެ ސަރަހައްދަށް އެތައް ހާސް ބަޔަކު އެއްވެފައި އޮތްއިރު ޓީމުގެ ކުޅުންތެރިން ވަނީ ސަޕޯޓަރުންނާ އެކު ކުލަގަދަކޮށް ޔޫރޯގެ ކާމިޔާބީ ފާހަގަކޮށްފަ އެވެ.

ސްޕެއިނުން ޔޫރޯ ކާމިޔާބުކޮށްފައިވަނީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެންކަން ފާހަގަކޮށްލެވެ އެވެ.

މިއީ ޔޫރޯގެ ޗެމްޕިއަންކަން ސްޕެއިން ހޯދި ހަތަރުވަނަ ފަހަރެވެ. އެޓީމަކީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމެވެ.