Last Updated: June 28, 10:37
Sunday, June 28, 2026
ޚަބަރު

މާލެ ދިޔައީ އަމިއްލަ ހަރަދުގައި: ސޯބެ

އަނިޔާވެރިކަމާއި ދެކޮޅަށް މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން މާލެ ގޮސްފައިވަނީ އަމިއްލަ ހަރަދުގައި ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ ހުރިހާ ކައުންސިލަރުންވެސް މާލެ ގޮސްފައިވަނީ އަމިއްލަ ހަރަދުގައި ކަމަށާއި، ދައުލަތުގެ ހަރަދުގައި ދިޔުމަކީ މައްސަލައެއް ކަމަށެވެ. އަދި އެފަދަ ގޮތަކަށް ގޮސްފައިވާ ކައުންސިލްތަކާއި މެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ސޯބެ ވިދާޅުވިއެވެ.

މޭ 1، ވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި މާލޭގައި ތިއްބެވި ކައުންސިލަރުންގެ ތެރެއިން ރަސްމީ ބޭނުމަށް ވަޑައިގެންނެވި ބޭފުޅުން، ލާމަރުކަޒީ ގާނޫނުގެ 123 ވަނަ މާއްދާގެ ދަށުން އެކަން އެންގިކަމުގެ ލިޔުން ލޯކަލް ގަވަމެންޓް (އެލްޖީއޭ) ފޮނުވުމަށް އެ އޮތޯރިޓީން ވަނީ ކައުންސިލްތަކަށް އަންގާފައެވެ.

ސޯބެ ވިދާޅުވީ، ސަރުކާރުން ކައުންސިލްތަކަށް ބިރު ދައްކަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކައުންސިލްގެ އިހްތިސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކައުންސިލްތަކުން ނިގުޅައި ގަތުމާއި ކައުންސިލްތަކަށް ދަތި ކުރަމުން އަންނަ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ 123 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކައުންސިލްގެ މެމްބަރަކު ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން ކައުންސިލްގެ ރައީސަށް ލިޔުމުން އަންގަންޖެހެ އެވެ. އަދި ކައުންސިލްގެ ރައީސް ރަށުން ބޭރަށް ވަޑައިގަންނަވާނަމަ ކައުންސިލްގެ އިދާރާއަށް އަންގަންޖެހޭނެ އެވެ.

އެގޮތަށް އެންގުމެއް ނެތި، މޭ 1ގައި މާލޭގައި ތިއްބެވި ކައުންސިލަރުންގެ މައުލޫމާތު ވެސް ފޮނުވަން އެލްޖީއޭ އިން ވަނީ އަންގައިފަ އެވެ. އެ މައުލޫމާތު ނުފޮނުވައިފި ނަމަ އެ ކައުންސިލެއްގެ ޒިންމާދާރު ވެރިންގެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް އެލްޖީއޭއިން ވަނީ ދީފަ އެވެ.