Last Updated: June 28, 10:37
Sunday, June 28, 2026
ޚަބަރު

މުޒާހަރާއަށް ދިޔަ މުވައްޒަފުން ވަޒީފާތަކުން ކަނޑަން ފަށައިފި!

މޭއިޑޭގެ މުޒާހަރާއަށް ދިޔަ ކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވާ އެއާޕޯޓްސް ކޮމްޕެނީގެ އެސޯސިއޭޓެޑް މެނޭޖަރ އަހްލާމް، ރައީސް ނަޝީދު އާއި އެކު ސެލްފީއެއް ނަގަނީ. ގިނަ މުވައްޒަފުންނަށް ބިރު ދައްކަިއ ވަޒީފާއިން ދަނީ ކަނޑަމުން.

އަނިޔާވެރިކަމާއި ދެކޮޅަށް ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާއަށް ދިޔަ ފެނަކަ ކޯޕަރޭޝަންގެ ހިތަދޫ ދެ މުވައްޒަފަކާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ އިރު އިތުރު މުވައްޒަފުން ތައް ވެސް ކަނޑަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ފެނަކަ ކޯޕަރޭޝަންގެ ދެ މުވައްޒަފުންވެސް ވަޒީފާއިން ވަކި ކުރިކަން އަންގާފައިވަނީ ފޯނުންނެވެ، އަދި އެ ދެފަރާތުންވެސް ވަނީ ލިއުމުން ވަޒީފާއިން ވަކި ކުރިކަން އަންގައި ދިނުމަށް އެދިފައެވެ.

އޭވިއޭޝަން ދާއިރާގައި ފާއިތުވި 25 އަހަރު ހިދްމަތްކޮށްފައިވާ ސ. ހުޅުދޫއަށް ނިސްބަތްވާ އަހްލާމް، މުޒާހަރާގައި ބައިވެރިވިކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވާކަން އޭނާ ވަނީ "އައްޑޫލައިވް"އަށް މިއަދު ޔަގީންކޮށްދެއްވާފައެވެ.

އެއާޕޯޓްސް ކޮމްޕެނީގެ އެސޯސިއޭޓެޑް މެނޭޖަރަކަށް ހުންނެވި އަހްލާމް ވިދާޅުވީ، އޭނާ ވަޒީފާއިން ކަނޑާލިއިރު، ފާއިތުވި ދުވަސް ތަކުގައި އެއްވެސް އިންޒާރެއް ދީފައި ނުވާއިރު، ވަޒީފާގައި ދެމި ހުރި ދުވަސްތަކުގައި ދުވަހަކުވެސް ގަޑި ޖެހިފައި ނުވާނެ ކަމަށާއި، ވަޒީފާ އަދާކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

އަހްލާމް ވިދާޅުވީ އޭނާ ވަޒީފާއިން ވަކި ކުރީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ކިޔާތީ އާއި މުޒާހަރާގައި ބައިވެރިވި ސަބަބަށްޓަކައެެވެ.

ދުނިޔޭގެ މަސައްކަތް ތެރިންގެ ދުވަހާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އިންތިޒާމް ކުރި މުޒާހަރާއަށް ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުން ނުދިއުމަށް ވަނީ އަންގާފައެވެ. އަދި މުޒާހަރާއަށް ދާ ފަރާތްތަަކާއި މެދު ފިޔަވަޅު އަޅަނެ ކަމަށް ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާންވެސް ވަނީ މުޒާހަރާއަށް ނިކުތް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ގޮވާލާފައެވެ.

ހުކުރު ދުވަހު ބޭއްވި މުޒާހަރާއަށް 30 ހާހެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.