ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ ގާޒީއަކާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ކެފޭއެއްގައި ތިއްބެވި ކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެރިން އެ ކެފޭ އަށް ގޮސް ކުރި ވީޑިއޯ ފޮހެލަން މަޖުބޫރުކުރާ ސަބަބުތަކެއް މެދުވެރިވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
ޕީޖީ މުހުތާޒް މުހްސިނާއި ގާޒީ އަބްދުލްބާރީ ޔޫސުފް، ކެފޭ "ލަޔާލީ"ގައި ބައްދަލުކުރެއްވި ކަމަށް ބުނެ ރާއްޖެ ޓީވީން ޚަބަރު ފެތުރީ ނަޝީދުގެ މައްޗަށް ދައުލަތުން ހުށަހެޅި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނިކޮށް، މިދިޔަ މާޗު މަހު މެދު ތެރޭގަ އެެވެ. ރާއްޖެ ޓީވީ އިން ބުނާގޮތުގައި އެ ޓީވީގެ ނޫސްވެރިންގެ ޓީމެއް އެ ކެފޭ އަށް ގޮސް ނެގި ވީޑިއޯ، ބަޔަކު ގޮސް ވަނީ ގަދަކަމުން ފޮހެލާފައެވެ.
އެ މައްސަލަ ބެލުމަަށް ފަހު، ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ގޮތުގައި ރާއްޖެ ޓީވީގެ ކެމެރާމަނަކު އެ ކެފޭ އަށް ގޮސް ވީޑިއޯ ކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އަދި އެ ވީޑިއޯ ފަހުން ފޮހެލަން "މަޖުބޫރު ކުރާ ސަބަބުތަކެއް މެދުވެރިވެފައިވާ" ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
"… މިފަދަ މަޖުބޫރީ ހާލަތްތައް ބްރޯޑްކާސްޓަރުންނަށާއި އަދި ޖުމްލަ ގޮތެއްގައި މުޅި މީޑިއާ އަށް މެދުވެރިނުވާނޭ ފަދަ ގޮތަކަށް ހުރިހާ ފަރާތްތަކެއްގެ ވެސް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރުމަށް މި މައްސަލަ ނިންމި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީ އެވެ،" ކޮމިޝަންގެ ރިޕޯޓުގައިވާ ހުލާސާ ބަޔާނުގައިވެ އެވެ.
ކެފޭ ލަޔާލީގައި މުހުތާޒާއި ބާރީ އެކުގައި ތިއްބެވި ކަމަށް ބުނެ ރާއްޖެ ޓީވީން ފެތުރީ ދޮގު ޚަބަރެއް ކަމަށް މުހުތާޒް ވަނީ ކުރިން ވިދާޅުވެފަ އެވެ. އެކަން ސާބިތުކޮށް ދީފި ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އަމިއްލަ އަށް ބޭނުންވެގެން ބްރޯޑްކާސްޓިން ކޮމިޝަނަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގެންފަ އެވެ.