ތައުޙީދުގެ މަތިވެރި އަސާސުގައި ހިފަހައްޓައިފި ނަމަ، ކާމިޔާބުވެފައިވާ ބަޔަކަށް ވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ އިސްލާމްދީން އެ އަސާސެއްގެ މައްޗަށް ބިނާވެފައިވާ އަސާސަކީ ތައުޙީދު ކަމަށާއި ކީރިތި ރަސޫލާ މައްކާގައި ހޭދަކުރެއްވި ތޭރަ އަހަރުގެ ދިގު މުއްދަތުގައި ދަޢުވަތުގެ، އެންމެ މުހިންމު ބަޔަކީ، އެބައިމީހުންގެ މެދުގައި ފެތުރިފައިވާ ﷲގެ އެއްކައުވަންތަކަމާ ޚިލާފު، ޝިރުކުގެ ޢަމަލުތަކުން އެއްކިބާވާން ގޮވައިލެއްވުން ކަމަށެވެ.
"ތައުޙީދުގެ މަތިވެރި އަސާސުގައި ހިފަހައްޓައިފި ނަމަ، އަހުރެމެންނަކީ ކާމިޔާބުވެފައިވާ ބަޔަކަށްވާނެ،" ހުތުބާގައި ބުންޏެވެ.
ތައުޙީދަކީ މާތްﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝިރުކުގެ އެންމެހައި ޢަމަލަކުން ދުރުހެލިވެ ރައްކައުތެރިވުން ކަމަށާއި މި ގޮތުން ތައުޙީދުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ތިން ބައިގައި ވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މި މަތިވެރި ޢަޤީދާ ޙާޞިލު ނުކުރެވޭނެ ކަމަށް ހުތުބާގައި ބުންޏެވެ. އަޅުތަކުންގެ މައްޗަށްވާ މާތްﷲ ގެ އެންމެ މަތިވެރި ޙައްޤަކީ އެކަލާނގެއަށް ޝަރީކު ނުކޮށް ހުރިހައި މާނައެއްގައި އެކަލާނގެ އެއްކައުވަންތަކުރުން ކަމަށްވެސް ބުނެފައިވެ އެވެ.
ހުތުބާގައި ވަނީ އަހުރެމެން ކުރާ ކޮންމެ ޢަމަލެއް މާތްﷲ އަށް ޚާލިޞްކޮށް ޝިރުކުން އެއްކިބާ ކުރެވިއްޖެ ނަމަ، ސީދާމަގުގައި ފައިތިލަ ސާބިތުކޮށްފައިވާ ބާއްޖަވެރި ބަޔަކަށް ވާނެ ކަމަށްވެސް ބުނެފަ އެވެ. ނަމަވެސް މި މަތިވެރި ޢަޤީދާ ދޫކޮށް ބާޠިލު ޢަޤީދާތަކަށް ތަބާވެ، މާތްﷲ ގެ މަގަށް ފުރަގަސްދީ، ކުރާ ޢަމަލުތަކުގައި ޝިރުކު ހިމެނިއްޖެ ނަމަ، ހުރިހާ ޢަމަލުތަކެއް ބާޠިލުވެ، ގެއްލެނިވެގެން ހިނގައިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.