އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާއަށް ފަހު، މުޒާހަރާއަށް މާލެ އައި ކައުންސިލަރުންގެ މައުލޫމާތު ހޯދައި އެ ކައުންސިލަރުންނާއި މެދު ފިޔަވަޅު އެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބޮޑުބައެއް މިދިޔަ ހުކުރު ދުވަހު މި ސަރުކާރާއި ދެކޮޅަށް ނިކުމެ އަޑު އުފުލި އިރު، މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާއި ކުރިމަތި ލައި 193 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެވުނެވެ.
ހޮނިހިރު ދުވަހުގެ ރޭ މާލެ މަތިން ފެނުނީ މިސަރުކާރުން ހަވާ އަރުވާތަނެވެ. ބުނާތީ އިވުނީ ސަރުކާރަށް ކާމިޔާބް ލިބުމާއި ގުޅިގެން އުފާ ފާޅުކުރުމަށް ހަވާ އެރުވީ ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މުޅިވެސް ކުރާ ކަމަކީ، ހަވާ އެރުވުމެވެ. ސަރުކާރުގެ އިސް ބޭފުޅެއްގެ ޓްވިޓާ "ވެރިފައި" ވިޔަސް އެކަން ފާހަނގަ ކުރުމަށް ހަވާ އަރުވަނީއެވެ. މޮޅު ހިނިގަނޑެއް ޖެހުނަސް ހަވާ އަރުވަނީއެވެ. ހަވާ އެރުވުމުގައި މި ސަރުކާރު މިވަނީ ހައްދުފަހަނަޅާ ގޮސްފައެވެ.
ސަރުކާރުން އުފާ ފާޅުކުރުމަށް ހަވާ އަރުވާއިރު އެކަމަށް ހަރަދު ކުރަނީ ރައްޔިތުންގެ ފައިސާއިންތޯ ނުވަތަ ކޮންމެވެސް "ދީލަތި" ޑީލަރެއްތޯ، ނުވަތަ މާފިޔާ ގްރޫޕަކުންތޯ ރައްޔިތުންނަށް އެނގެން ބޭނުންވެއެވެ.
މިހާތަނަށް ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި ހަވާ އަރުވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްއިންނެވެ. އަސާސީ ހައްގުތަކުން ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މަހްރޫމް ވެފައިވާ އިރު، އެކަމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ސަރުކާރުން އެ ފައިސާ އިސްރާފް ކުރަނީއެވެ. ބެލޭނެ އެއްވެސް ގޮތެއް ނެތެވެ.
ސަރުކާރާއި، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ކޮންމެ ގޮތަކަށް ހޭދަ ކުރިއަސް މައްސަލައަކަށް ނުވެއެވެ. އެކަން ބަލާކަށް އޮޑިޓާރ ޖެނެރަލް އުޅުއްވާތަނެއް ނުފެނެއެވެ.
ނަމަވެސް "އަނިޔާވެރިކަމާއި ދެކޮޅަށް" ބޭއްވި މުޒާހަރާއަށް ކައުންސިލަރުން އައުން މިވަނީ މައްސަލައަކަށެވެ. އަނިޔާވެރިކަން ބޮއްސުންލައި ރަށްތަކުގެ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝުއޫރު ހިފައިގެން "ރައްޔިތުންގެ މަންދޫބުން" މާލެ އައިސް އަޑު އުފުލުމުން މައްސަލަ ބޮޑުވެއްޖެއެވެ.
ކަމާއި ނުގުޅޭ މިނިސްޓަރުން ތަފާތު ސިޓީ ފޮނުވައި ބިރު ދައްކަނީއެވެ. ނަމަވެސް ހަގީގަތުގައި ސަރުކާރުން ހަވާ އަރުވައި ރައްޔިތުންގެ ފައިސާ ޖައްވަށް ފޮނުވާލާއިރު، ރައްޔިތުންގެ އަޑު އިއްވަން ކައުންސިލަރުންނަށް ވެސް އާދެވެން ޖެހޭނެއެވެ. އެއީ އެންމެ އިންސާފުވެރި ގޮތެވެ. ރައްޔިތުންގެ ބަސް އިއްވަން ޖެހިއްޖެއެވެ.