Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ގުޅޭ ގޮތުން އެ ދައްކަވަނީ މުޅިން ދޮގު ވާހަކަ :މައުމޫން

ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަވަނީ މުޅިން ދޮގު ވާހަކަ ކަމަށާއި އެފަދަ ވާހަކަ ދެކެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ އިންތިޙާބުގައި ވާދަކުރައްވާ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ކެމްޕޭންގައި މ.އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އަޅުވާ ފަރާތްތަކާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މައުމޫން ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލަ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އެދައްކަވަނީ ދޮގު އަދި ހުތުރު ވާހަކައެއް ކަމަށެވެ.

“އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ގުޅޭ ގޮތުން ވެސް އެ ދައްކަވަނީ މުޅިން ދޮގު ވާހަކަ. އެ ވަރުގެ ވާހަކައެއް ދެއްކެވިގެން ނުވާނެ. އެއީ މީހެއްގެ އަބުރާ ބެހޭ ގޮތުން ވަރަށް ހުތުރު ވާހަކައެއް. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރި ކުރާ ވާހަކައެއް.” ރައީސް މައުމޫން ވިދާޅުވިއެވެ.