އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީއަށް ބޭނުންވާ ފައިސާގެ ތެރެއިން މިވަގުތަށް ބޭނުންވާ 40 މިލިއަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސްއިން ލިބި މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)އިން ބުނެފިއެވެ.
އޭއައިއޭގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހްމަދު ސައީދު ވިދާޅުވީ ފައިސާގެ ދަތިކަމެއް ކުންފުންޏަށް ނެތް ކަމަށާއި މިހާރު ކުރިއަށްދާ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމަށެވެ.
އިބްތިޝާމާ ވިދާޅުވީ ރަންވޭގެ މަސައްކަތް ނިމެންވާ އިރަށް، ސީ ޕްލޭން ބޭސްގެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށެވެ. އަދި ސީ ޕްލޭންގެ މަސައްކަތް ނިމެންވާއިރަށް އޮޕަރޭޓަރުންގެ ކަންކަންވެސް ނިމިގެންދާނެ ކަމަށް އިބްތިސާމާ ވިދާޅުވިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީވެ، އައްޑޫ ބައިނަލް އަގްވާމީ ދުނިޔެއަށް ހުޅުވޭނެ ދުވަހަކީ އައްޑޫ ރައްޔިތުން އެންމެ ދެކެން ބޭނުންވާ ދުވަހެވެ. އެހެންވެ އެކަމަށް އެންމެންގެ ނަޒަރުވަނީ ހުއްޓިފައެވެ. އައްޑޫ އެއާޕޯޓްސް ކޮމްޕެނީއިން ބުނީ މިފަހަރު އެއާޕޯޓްގެ މަސައްކަތް ތާވަލާއި އެެއްގޮތަށް ނިންމާނެ ކަމަށެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އެއް ހިއްސާދާރު ކަމަށްވާ ކާސާ ހޯލަޑިންގެ ފަރާތުން މަޝްހޫރު ވިޔަފާރިވެރިއާ ޗަމްޕާ ހުސެއިން އަފީފް ވެސް ވަނީ ފައިސާގެ މައްސަލަ އެއް ނެތަކަމަށާއި، ހިތް ހަމަޖެހޭ ގޮތަށް މަސައްކަތް ކުރިއަށްދާކަމަށް ބުނެފައެވެ.
އެއާޕޯޓްގެ މަސައްކަތަށް ބޭނުންވާ ފައިސާ ބީއެމްއެލް ލޯނަކުން ހަމަޖެހުނު އިރު އައްޑޫގައި އަޅަން ކިޔަމުން އަންނަ 100 އެނދުގެ ހޮސްޕިޓަލަށް އިތުރު 20 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް މައުލޫމާތު ލިބެއެވެ. 2007 ވަނަ އަހަރުންފެށިގެން ފައިސާ ހަމަޖެހިފައިވާ ހޮސްޕިޓަލް އެޅުމަށް މިހާތަނަށް 20 މިލިއަން ޑޮލަރު ލިބިފައިވާއިރު ދާދިފަހުން ހޮސްޕިޓަލް ޑިޒައިން ކުރުމުން ލިބުނު ޑިޒައިންތަކަށް އިތުރަށް ފައިސާ ވަނީ ހޯދަން ޖެހިފައެވެ.
އެހެންކަމުން ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހޭނެ ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ބުނަމުން ގެންދަނީ ހޮސްޕިޓަލްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.
އައްޑޫ ރައްޔިތުންގެ އުންމީދަކީ އިހްލާސްތެރި މަސައްކަތެއްކޮށް ހޮސްޕިޓަލް އެޅުމަށް އިތުރަށް ބޭނުންވާ 20 މިލިއަން ޑޮލަރު ހޯދައި މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަށެވެ. އޭރުން ސަރުކާރުން "ހަވާ" އެރުވިޔަސް އެންމެ ރަނގަޅެވެ. އައްޑޫގެ ހުރިހާ ރައްޔިތުންވެސް "ބްރޯ" އާއި އެކު ހަވާ އަރުވަން ދާނެކަން "ޔަޤީން"އެވެ.