ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގަންފި އެވެ.
ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ މާޗު 26 ގައި ކުރި ހުކުމް، އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 12 ގަ އެވެ. އިސްތިއުނާފް މައްސަލަ ކްރިމިނަލް ކޯޓުން ހައި ކޯޓަށް ފޮނުވީ މިދިޔަ މަހުގެ 19 ގަ އެވެ.
މިހާރު ހަމަޖެހިފައި އޮންނަ ގޮތުން ދަށު ކޯޓުތަކުން ކުރާ ހުކުމްތައް އިސްތިއުނާފް ކުރުމަށް ހުށަހަޅަން ޖެހެނީ އެ ހުކުމެއް ކުރި ކޯޓަކަށެވެ. އެ މައްސަލައިގެ ހުރިހާ ލިޔެކިޔުންތަކާ އެކު މައްސަލަ ހައި ކޯޓަށް ފޮނުވާނީ ދަށު ކޯޓުންނެވެ.
ނާޒިމްގެ އިސްތިއުނާފް މައްސަލަ ބަލައިގަނެ އެ ކަމުގެ ލިއުން ހައި ކޯޓުން ވަނީ މިއަދު އޭނާ އަށް ފޮނުވާފައިވާއިރު އަދި މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައެވެ.