އައްޑޫ ސިޓީގެ ވިޔަފާރިތަކުން ކަރަންޓުގެ އަގު ނަގަނީ މާލެއަށް ވުރެ ދެގުނަ ބޮޑުކޮށް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލްފާޟިލް ޢަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.
އިއްޔެ ފޭދޫގައި ލިލީ އެންޓަޕްރައިޒަސްގެ އައްޑޫ ފިހާރަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ ކަރަންޓަކީ އަސާސީ ހިދުމަތެއް ކަމަށާއި އެ ހިދުމަތް ހުރިހާ އެންމެންނަށް ވެސް ލިބެން ޖެހޭނީ ހަމަހަމަގޮތެއްގައި ކަމަށެވެ.
މާލެ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކުން ކަރަންޓްގެ ހިދުމަތަށް ނަގާ އަގުތަކުގައި ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކުރައްވައި މިދިޔަ މާޗް މަހުން ފެށިގެން ވިޔަފާރިވެރިންގެ ކަރަންޓް ބިލަށް "ކުއްލި ގޮތަކަށް" ގެނައި ބަދަލަކީ ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމަށާއި އޭގެ ސަބަބުން ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ވެސް ސޯބެ ވަނީ ވިދާޅުވެފައެވެ.
ވިޔަފާރިތަކުގެ ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން، އައްޑޫގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެ މައްސަލަ އަށް ހައްލެއް ލިބޭތޯ ވިޔަފާރިވެރިން އަންނަނީ ތަފާތު ގޮތްގޮތަށް މަސައްކަތްތަކެއް ކުރަމުންކަން ވެސް ފާހަގަ ކުރެވެ އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ މާޗް މަހުން ފެށިގެން ވިޔަފާރިތަކުގެ ކަރަންޓްގެ އަގަށް ބަދަލު އައީ ކުރިން ދެމުން ގެންދިޔަ ކަރަންޓް ސަބްސިޑީ ކަނޑާލައި، އެނާޖީ އޮތޯރިޓީން 2009 ގައި ފާސް ކުރި ޓެރިފްތަކަށް ބިލް ކުރަން ފެށުމުންނެވެ.
އެހެން ނަަމަވެސް ވިޔަފާރިވެރިން ބުނަނީ އެ މީހުންނަށް ދުވަހަކު ވެސް ކަރަންޓް ސަބަސިޑީއެއް ނުލިބޭ ކަމަށާއި ކަރަންޓްގެ އަގު ފެނަކައިން ބޮޑު ކުރީ ކަމަށެވެ.