Last Updated: June 7, 17:32
Sunday, June 7, 2026

ޑރ. ޝަހީމް ކުއްލިއްޔާގައި ކިޔަވައިދެއްވަން ފައްޓަވަނީ

ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގައި ކިޔަވައިދެއްވަން ފައްޓަވަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފި އެވެ.

ޝަހީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އޭނާ ކިޔަވައިދެއްވާނީ ކުއްލިއްޔާގައި އަލަށް ފަށާ، މާސްޓާސް އިން އިސްލާމިކް ޖުޑީޝަލް ސިސްޓަމް ކޯހުގަ އެވެ. އެ ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ، އޭނާ ވިދާޅުވި ގޮތުގައި، އަންނަ ޖުލައި 20 ގަ އެވެ.

"އިސްލާމީ ކޮންމެ ހިދުމަތެއްގައި ރާއްޖެ އަށާއި ރައްޔިތުންނަށްޓަކާ ވެވުނު އެންމެ މަތީ ދަރަޖައެއްގައި އެހީވާނަން،" ކުއްލިއްޔާ އަށް އިއްޔެ ޒިޔާރަތް ކުރެއްވި ފޮޓޯތަކަކާ އެކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ކުއްލިއްޔާގައި ކިޔަވައިދެއްވަން ޝަހީމް ނިންމަވާފައި މިވަނީ އަލަށް އުފައްދާ އިސްލާމީ ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމު އޭނާ އަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ ހަފުތާގައި ރައީސް ޔާމީން ތަސްދީގުކުރެއްވި އިސްލާމީ ޔުނިވަސިޓީގެ ގާނޫނުގެ ދަށުން، އިސްލާމީ ޔުނިވަސިޓީ އަކަށް ބަދަލުކުރާނީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އެވެ.