ރައްޔިތުުންނަށް އަނިޔާވެރިވެ ރައްޔިތުންނަށް ލިބިފައިވާ ޤާނޫނީ ހައްޤުތައް ނިގުޅައިގަތުމުގެ ބަދަލުގައި ވެރިކަން ކުރަން ރައްޔިތުން ހަވާލުކުރި މަޤްޞަދާއި އެއްގޮތަށް ވެރިކަން ކުރުމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢާދަމް އާޒިމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
މޭޑޭގެ ބޮޑު މުޒާހަރާ އާއި ގުޅިގެން ގިނަ ބައަކު ސަރުކާރާއި ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރަމުންގެންދާތީ ކަންބޮޑުވުން ފައުޅުކޮށް މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޢާޒިމް ވިދާޅުވީ މިސަރުކާރާއި ރައްޔިތުން ވެރިކަން ހަވާލުކުރީ ޤާނޫނު އަސާސީއާއި އެއްގޮތަށް އޯގާތެރިކަމާއިއެކު ވެރިކަން ކޮށްދިނުމަށް ކަމަށާއި އަނިޔާވެރިވެ ރައްޔިތުން ބިކަ ކުރުމަށް ނޫންކަމަށެވެ.
ޢާޒިމް ވިދާޅުވީ ކަން މިހެން އޮތް ނަަމަވެސް ސަރުކާެރުން ރައްޔިތުންނާއިމެދު އަމަލުކުރަމުން ގެންދަނީ މުޅިން ތަފާތު ގޮތަކަށް ކަމަށާއި ވަޒީފާ އިން ފަހަރަކު މީހަކު ވަކިކުރަމުން ގޮސް 30،000 މީހުން އެކުގައި ވަޒީފާއިން ވަކިކުރި ނަމަވެސް އަދި 30،000 ރައްޔިތުން އެކުގައި ޖަލަށްލީ ނަމަވެސް އަނިޔާވެރިކަމާއި ދެކޮޅަށް ރައްޔިތުން ކުރާ މަސައްކަތްތައް ހުއްޓައި ނުލާނެކަމަށެވެ. އޭރުން އިތުރު 30،000 ލީޑަރުން ނުކުމެ މަސައްކަތް ކުރާނެ ކަމަށެވެ.
ޢާޒިމް ވިދާޅުވީ 94،000 ވަޒީފާ އުފައްދައި ޤާބިލު ޒުވާނުންނަށް ވަޒީފާ ދޭން އައި ސަރުކާރަކުން ކިޔަވައި ތަމްރީނު ލިބިގެން ތިބި އިޚްލާޞްތެރި މުވައްޒިފުން ވަޒީފާތަކުން ވަކިކުރުމަކީ ވަަރަށް ބޮޑު މައްސަލައެއް ކަމަށެވެ.