މެއި މަހުގެ 1 ވަނަ ދުވަހު ސަރުކާރުން ކަންކަން ކުރި ގޮތާއި ގުޅިގެން އިންޑިއާ އާއި ޗައިނާގެ އެއްވެސް ޕްރެޝަރެއް ނެތްކަމަށް ދިވެހި ޚާރިޖިއްޔާގެ އެމްބެސެޑަރ އެޓް ލާޖް މުޙައްމަދު ނަޞީރު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ނޫހެއް ކަމަށްވާ ދަ ސަންޑޭ ލީޑަރ އަށް ދެއްވި އިންޓަވިއުއެއްގައި ނަސީރު ވިދާޅުވެފައިވަނީ މުޒާހަރާ އާއި ގުޅިގެން އިންޑިއާގެ ވެސް އަދި ޗައިނާގެ ވެސް އެއްވެސް ޕްރެޝަރެއް ދިވެހި ސަރުކާރަށް ނެތް ކަމަށާއި ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އިޙްތިރާމްކުރާ ޤައުމެއް ކަމަށާއި އެދުވަހު ހިނގައިދިއަ ކަންކަމާއި ގުޅިގެން ދުނިޔެއަށް ދައްކުވައި ދީފައިވަނީ ނުބައި ތަޞައްވުރެއް ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ބޭނުންވީ މޭޑޭގެ އެއްވުމުގެ ތެރެއިން ހައްދުފަހަނައަޅާފައިވާ އިސްލާމީ އުޞޫލު ކުރިއަރުވަންކަމަށާއި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ގިނަ ބައަކު މިހާރުވަނީ ދޫކޮށްލާފައިކަމަށް ނަޞީރު ވިދާޅުވިކަމަށް ވެސް އެނޫހުގައި ވަނީ ބުނެފައެވެ.
ނަޞީރު މިމޭރުމުން މައުލުމާތު ދެއްވާފައިވާއިރު ހައްދުފަހަނައަޅާފައިވާ އިސްލާމީ އުޞޫލު ކުރިއަރުވަން މުޒާހަރާގެތެރެއިން ކުރީ ކޮންކަމެއްކަން ވިދާޅުވެފައެއް ނުވެއެވެ. އަދި ހައްޔަރުކުރި މީހުންނާއި މިނިވަންކުރި މީހުންގެ އަދަދުވެސް ވިދާޅުވެފައެއް ނުވެއެވެ.