Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ތެދުވެރިކަމާއިއެކު ޚިދުމަތްކުރާނަމަ ކަރުގަ ބަޑިއެއް އެލުވާފައި ލަނީ ޖަލަށް : އާޒިމް

ދިވެހި ރައްޔިތުންނަށް ތެދުވެރިކަމާއިއެކު ޚިދުމަތްކުރާ ކޮންމެ މީހެއްގެކަރުގައި ބަޑިއެއް އެލުވާފައި ޖަލަށް ލަމުން ގެންދާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވިގޮތުގައި ސަރުކާރުގެ ހުރިހައި ވަގުތެއް މިހާރު ހޭދަކުރަނީ ރައްޔިތުންނަށް އަނިޔާވެރިވާނެ ގޮތަކަށް ވިސްނުމަށް ކަމަށާއި ޖަލަށް ލައިގެންތޯ ނޫނީ ވަޒީފާއިން ވަކިކޮށްގެންތޯ ވިސްނުމަށް ކަމަށެވެ.

"ރައްޔިތުންނަށް ތެދުވެރިކަމާއިއެކު ޚިދުމަތްކުރާނަމަ ކަރުގަ ބަޑިއެއް އެލުވާފައި ޖަލަށް ލަނީ. މިނިވަންކަމާއިއެކު ޤާނޫނީ އިމުގެ ތެރެއިން ބަހެއް ބުނެފި ނަމަ ދޫ ކަނޑައިލަންވީ. ސަރުކާރުން ކުރާ ކަމެއްގެ ވާހަަކަ ލިޔެފިނަމަ އިނގިލިތައް ކަނޑައިލަންވީ. ޤާނޫނުން ލިބިދޭ ހައްޤުގެ ބޭނުންކޮށްގެން ސަރުކާެރުން ރައްޔިތުންނަށް ކުރާ އަނިޔާ ހުއްޓައިލަން ބުނެފިނަމަ ވަޒީފާއިން ވަކިކުރަނީ. ރައްޔިތުންނާއިމެދު މިހެން އަމަލުކުރާކަށް ނޫން 2013 ވަނަ އަހަރު ރައްޔިތުން މިސަރުކަރާއި ވެރިކަން ހަވާލުކުރީ" ،އޭނާ ވިދާޅުވިއެވެ.

ކުރުމުއްދަތެއްގެ ތެރޭގައި އެސްޓީއޯ އަށް ގިނަ ކުރިއެރުންތަކެއް ހޯދައިދިން އާޒިމް ވަކި ސަބަބެއް އެންގުމަކާއި ނުލައި އެ މަގާމުން ވަކިކޮށްފައިވަނީ މާރޗް މަހުގެ 9 ވަނަ ދުވަހުއެވެ.

އާޒިމްގެ ބޭބެ، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ އިސްވެރިންތަކަށް ހަމަލާދޭން ނާޒިމް ރޭވުމުން އެކަމަށް ފަންޑް ކުރުމުގައި އެސްޓީއޯ ވެސް ބައިވެރިވެފައިވެއެވެ.