Last Updated: May 11, 11:51
Sunday, May 11, 2025
ޚަބަރު

ފިހާރައަކަށް ކަރަންޓު ގުޅައިދިނުމަށް ފެނަކައިގެ މައްޗަށް ހިތަދޫ ކޯޓުން އަމުރެއް ނެރެފި

ކަރަންޓު ބިލްތަކުގެ މައްސަލައިގައި އައްޑޫގައި ކުރި މުޒާހަރާގެ ތެރެއިން.

ސ.ހިތަދޫ އެމް.އެމް ޓްރޭޑާސް ފިހާރައިން މާޗް މަހުގެ ކަރަންޓް ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލި މައްސަލާގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން އެފިހާރައަށް ކަރަންޓް ގުޅައިދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ކުއްލިއަކަށް ކަރަންޓުގެ އަގު ބޮޑު ކުރި މައްސަލައިގައި އެމް.އެމް ޓްރޭޑާސްގެ ފަރާތުން ފެނަކަ ކޯޕަރޭޝަނަށް ބިލް އިސްލާހު ކުރުމަށް ހުށަހެޅި ނަމަވެސް އެއަށް ޖަވާބެއް ނުދީ ކަރަންޓު ކަނޑާލި މައްސަލައާއި ގުޅިގެން ކޯޓުން ނެރުނު މިއަމުރުގައި ބުނެފައިވަނީ އެމް.އެމް ޓްރޭޑާސް ހިންގާ އިމާރާތަށް ކަރަންޓުގެ ޚިދުމަތް މެދުނުކަނޑާ މިވަގުތަށް ފޯރުކޮށްދިނުމަކީ ޟަރޫރަތެއް ކަމަށް ޝަރީއަތަށް ފެންނަކަމަށެވެ.

"ކަރަންޓުގެ ޚިދުމަތް އެފިހާރައިން މެދުކެނޑިފައި އޮތުމަކީ އޭގެ ސަބަބުން ފިހާރައިގެ ވެރިފަރާތުގެ ޙައްޤާއި އަދި އެފިހާރައިން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ލިބިގެންދާނެ ކަމަކަށް ވާތީވެ އެމް.އެމް ޓްރޭޑާސް ހިންގާ އިމާރާތަށް ކަރަންޓުގެ ޚިދުމަތް މެދުނުކަނޑާ މިވަގުތަށް ފޯރުކޮށްދިނުމަކީ ޟަރޫރަތެއް ކަމަށް ޝަރީއަތަށް ފެންނާތީވެ ހުށަހެޅިފައިވާ މިކޯޓުގެ ނަންބަރު 2015/SC2/265 ގަޟިއްޔާ ވަކިގޮތަކަށް ނިމެންދެން ނުވަތަ މިކޯޓުން ތިޔަކުންފުންޏަށް ވަކިގޮތެއް އަންގަންދެން ސ.ހިތަދޫ އެމް.އެމް ޓްރޭޑާސް އިން ކަނޑާފައިވާ ކަރަންޓުގެ ޚިދުމަތް ވަގުތުން ދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ." ހިތަދޫ ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ވެއެވެ.

ހިތަދޫ ކޯޓުން ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައިވާއިރު މާޗް މަހާއި އެޕްރީލް މަހުގެ ބިލް ނުދައްކައި ތިބި ފަރާތްތަކަށް ފެނަކައިން މިހާރު ވަނީ ރަތް ބިލް ފޮނުވައިފައި ކަން ފާހަގަކޮށްލެވެއެވެ.

ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން ގިނަ އަދަދެއްގެ ހިތަދޫގެ ވަރަށް ގިނަ ވިޔަފާވެރިން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.