ބޭސްފަރުވާ އަކަށް މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް އެނބުރި ރާއްޖެ އައުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ނާޒިމްއަށް އަންގައިފިއެވެ.
ހިތުގެ އާލާސްކަންފުޅަކަށް މިވަގުތު ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކާނަލް ނާޒިމް އެނބުރި ރާއްޖެ އައުމަށް އަންގާފައިވާކަން ނާޒިމްގެ ގާނޫނީ ވަކީލުންނާއި އެކު މަސައްކަތް ކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.
ބޭސްފަރުވާއަށް ސިންގަޕޫރު ނޫން އެހެން ގައުމެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބޭތޯ ނާޒިމްގެ ފަރާތުން މަސައްކަތް ކުރި ނަމަވެސް އެހެން ގައުމަކަށް ދިއުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދީފައެއް ނުވެއެވެ.
ނާޒިމް ރާއްޖެ ވަޑައިގަތުމަށް އަންގާފައިވާއިރު މިމަހުގެ 23 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހަދާފައިވާކަމަށް އާއިލާގެ ފަރާތުން ވަނީ މައުލޫމާތު ލިބިފައެވެ. އަދި ނާޒިމްގެ ސިއްހީ ހާލުކޮޅު އެންމެ ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނާޒިމަށް ދީފައިވާ 45 ދުވަސް ހަމަވާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ނާޒިމްގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކަރެކްޝަނަލް ސާރވިސް އިން ދޫކޮށްފައިވަނީ ގިނަ ދުވަސް ތަކެއް ވަންދެން އެ ހުއްދަ ނުދީ ހިފެހެއްޓުމަށް ފަހުގައި ކަން ފާހަގަކޮށްލެވެއެވެ.