Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

"ހެރޮއިން ރަސްގެފާނު" އާއި ގުޅުން އޮންނަ ކަމަށް ދެކެވޭ ވާހަކަ އަދީބު ދޮގުކޮށްފި

ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި ލަންކާގެ "ހެރޮއިން ރަސްގެފާނު"ގެ ގޮތުގައި އާއްމު ވެފައިވާ ވެލި ސުދާއާ ސީދާ ގުޅުން އޮންނަ ކަމަށް ބޭރުގެ ދެ ނޫހަކުން ފާހަގަކޮށްފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް އަދީބު ވިދާޅުވެއްޖެއެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި އަދީބް ވިދާޅުވެފައިވަނީ އޭޝިއަން ޓްރިބިއުން އާއި ދަ އިކޮނޮމިކް ޓައިމްސްގައި ލިޔެފައިވާ ދެ އާރޓިކަލަކީ ހަގީގަތެއް ނޫން ކަމަށާއި އެއީ އަދީބުގެ އަގު ވައްޓާލުމަށް ޖީއެމްއާރާއި އިދިކޮޅު ފަރާތްތަކުން ސްޕޮންސަރ ކޮށްގެން ފަތުރަމުންދާ އަޑެއް ކަަމެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ކުރެވިފައިވާ އެކިއެކި ތުހުމަތުތަކުގައި ވެސް އަދީބު ވިދާޅުވެފައިވަނީ އެއީ އޭނާގެ އަގު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމެއް ކަމަށެވެ.

އޭޝިއަން ޓްރިބިއުންގެ މޭ މަހުގެ 10 ވަނަ ދުވަހުގެ އަދަދުގައި ބުނެފައިވަނީ ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އަހްމަދު އަދީބަކީ ލަންކާގެ ޑްރަގް ޓްރެފިކް ކުރުމުގައި ހަރަކާތްތެރިވާ މީހުންނާ ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށެވެ.

އަދީބާއި ވެލި ސުދާއާ ގުޅުން އޮންނަނީ ލަންކާގެ ޕާލިމަންޓް މެންބަރެއް ކަމަށްވާ ދުމިންދާ ސިލްވާއާ އަދީބާ އޮންނަ ގުޅުމުގެ ތެރެއިން ކަމަށެވެ. ދުމިންދަ ސިލްވާއަކީ އަދީބާއި ސުދާ އާއި ދެ މީހުންގެ ވެސް ރަހްމަތްރިއެއް ކަމަށް މި ނޫހުގައި ފާހަގަކޮށްފައި ވެއެވެ.

އަދީބަށް އަމާޒުވާ ތުހުމަތުތަކަށް އޭނާ ފަރުވާލެއް ނުދެއްވާ ކަމަށާއި އަދި އަދީބުގެ މުއްސަނދިކަމާއި އަދީބް ގޭންގުތަކާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުންނާއި ބާއްވާ ގުޅުމާއި ބެހޭ މައުލޫމާތު ރައީސް ޔާމީނަށް ފުލުހުންގެ ފަރާތުން ލިބިވަޑައިގަންނަވަމުން ދިޔަ ނަމަވެސް އެކަމާ ރައީސް ޔާމީން އެއްޗެއް ވިދާޅުނުވެ ހަނު ހުންނަވާކަމުގައި ވެސް އެ ނޫހުގައި ލިޔެފައި ވެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީގެ 6 މިލިއަން ޑޮލަރުގެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ މެދުގައި ހުންނެވީ ވެސް އަދީބުކަން ކުރީގެ އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުން ހާމަވާ ކަމަށާއި، އެކަން ވެސް ފަސްއަޅާ ފޮރުވާލީ ކަމަށް މި ޚަބަރުގައި ވެއެވެ.