Last Updated: February 12, 21:09
Wednesday, February 12, 2025
ކުޅިވަރު

ރަން މެޑަލް ލިސްޓުގެ ކުރީގައި އޮސްޓްރޭލިއާ

ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ލިސްޓުގެ އެންމެ ކުރިއަށް އޮސްޓްރޭލިއާ ޖެހިލައިފި އެވެ.

އޮލިމްޕިކްސްގެ އޮފިޝަލް މެޑަލް ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އުޅޭނީ އެންމެ ގިނަ ރަން މެޑަލް ހޯދާ ޓީމެވެ.

އޮލިމްޕިކް ގޭމްސް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށްވާއިރު، ގޭމްސްގެ ފުރަތަމަ ދުވަސް ނިމުނުއިރު އޮސްޓްރޭލިއާ އިން ވަނީ ޖުމްލަ ފަސް މެޑަލް ހޯދާފަ އެވެ. އޭގެތެރޭގައި ތިން ރަން މެޑަލް ހިމެނެ އެވެ. ދެން ހިމެނެނީ ދެ ރިހި މެޑަލް އެވެ.

ރަން މެޑަލް ލިސްޓުގެ ދެ ވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން ވަނީ ދެ ރަން މެޑަލް ހޯދާފަ އެވެ. ނަމަވެސް ޗައިނާގެ މެޑަލްގެ އަދަދު މަދެވެ. ޗައިނާ އަށް ލިބިފައިވަނީ ޖުމްލަ ތިން މެޑަލް އެވެ. އެއީ ދެ ރަން މެޑަލްގެ އިތުރުން އެއް ލޯ މެޑަލް އެވެ. މުބާރާތް ބާއްވާ ގައުމު ކަމަށްވާ ފްރާންސުން ޖުމްލަ ހަތަރު މެޑަލް ހޯދިއިރު، އޭގެތެރޭގައި ހިމެނެނީ އެއް ރަން މެޑަލް އާއި ދެ ރިހި މެޑަލްގެ އިތުރުން އެއް ލޯ މެޑަލް އެވެ.

މިފަހަރުގެ ގޭމްސްގައި އެންމެ ގިނަ އެތުލީޓުން ބައިވެރިވަނީ ފްރާންސުންނެވެ.

އަންނަ މަހުގެ 11 ގެ ނިޔަލަށް ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގައި 32 ކުޅިވަރަކުން 10،500 އެތްލީޓުން ވާދަކުރެ އެވެ.