Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ހުޅުދޫ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީއަށް އަށް ސާފު ބޯ ފެން ފޯރުކޮށް ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުދޫގައި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން އައްޑޫގެ ފެނުގެ ނިޒާމް ގާއިމު ކުރަން ނިންމާފައިވާ އިރު، ހުޅުދޫގެ މަަަސައްކަތް ކުރިއަށް ގެންދަނީ ތާޑް ޕާޓީ އުސޫލުން، ސްރީ ލަންކާގެ ޕިއުރިޓީ ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ފެނަކައިގެ ހުޅުމީދޫ ބްރާންޗްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ހުޅުދޫގެ ގޭބިސީތަކަށް ފެން ހޮޅި އެޅުމުގެ ގޮތުން، ހޮޅި ވަޅުލާން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާއިރު އެ މަސައްކަތް ސެޕްޓެމްބަރ މަހާއި ހަމަައަށް ނިންމާލެވޭނެ ކަމަށާއި އޭގެ ފަހުން މީދޫގެ ފެނުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އައްޑޫގެ ފެނުގެ މަޝްރޫއަށް 35 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު އެ ހުރިހާ ފައިސާއެއް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫގެ ފެނުގެ ނިޒާމް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ އެމަނިކުފާނު އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވި ދަތުރުގައި ޑިސެމްބަރު 28، 2014 ގަ އެވެ.