Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

ކުރީގެ ސީޓީއޯ ހާމިދު ނިޔާވެއްޖެ

ސަރުކާރުގެ ފުރަތަމަ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ހާމިދު ޝަފީއު ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އޭނަ މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވީ އިންޑިއާގަ އެވެ.

ރައީސް އޮފީހުގެ ސީޓީއޯގެ މަގާމަށް ޝަފީއު އައްޔަންކުރީ 2019 ގަ އެވެ. އޭނަ ރައީސް އޮފީހުގައި 1998-2007 އަށް ޔަލަށް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ މެނޭޖަ ޓެކްނިކަލް ސާވިސެސް ޔުނިިޓުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް އޮފް ލަންޑަން އިން ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ހާމިދަކީ އިންޓެލެކްސީ ނެޓްވޯކްގެ ސީނިއާ އެންޓަޕްރައިޒް ކޮންސަލްޓެންޓެއްގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ހއ. އިހަވަންދު އަށް ނިސްބަތްވާ ހާމިދު ނިޔާވުމާ ގުޅިިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއް ކަމަށާއި އެ ދާއިރާއިން ގައުމަށާއި ދައުލަތަށް ވަނީ ގިނަގުނަ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.

އަދި އޭނަގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައިވެ އެވެ.