މަހަކު އެއް ފަހަރު ނެރެމުން އައި މަޖައްލާ "'ހިދާޔަތުގެ އަލި" އިސްލާމިކް މިނިސްޓްރީން އަލުން ނެރެން ފަށައިފި އެވެ.
ދީނީ ޢިލްމުވެރިންގެ ގިނަ ލިޔުންތައް ހިމެނޭ ގޮތަށް ނެރޭ ހިދާޔަތުގެ އަލި މަޖައްލާ ނެރޭން ފަަށައިފައި މި ވަނީ 8 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
"ހިދާޔަތުގެ އަލި" އަލުން ނެރެން ފެށީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތީންނެވެ.
އެ މަޖައްލާގައި އިސްލާމް ދީނުގެ އެންމެ މައިގަނޑު އެއް ބައިކަމަށްވާ ސުލޫކާއި އަޚުލާޤިއްޔާތާއި، އިސްލާމީ ޝަޢީރާއި އިސްލާމީ ސަގާފަތާއި ޚުލަފާއުއްރާޝިދޫންގެ ޚިދުމަތުގެ އުސްއަލިތަކާއި ކައު ރަސޫލާގެ ސީރަތާއި އިސްލާމީ އިޤުތިޞާދާއި ދީނުގެ ކަންކަމުގެ މައްޗަށް މީހުން އުފައްދައިފައި ހުންނަ ޝުބުހާތަކާއި އެ ފަދަ ޝުބުހާތަކުގެ ރައްދު ފަދަ ކިތަންމެ ކިތަންމެ ޝިޢާރެއްގެ ދަށުން އެކި ބޭފުޅުން ލިޔުއްވައިފައިވާ ލިޔުންތައް ހިމަނާ ގޮތަށް ހަމަޖެހިފައިވެ އެވެ.
އަދި އަންހެނުންނަށް ޚާއްޞަ ބަޔަކާއި ކުޑަކުދީންނަށް ޚާއްޞަކުރެވޭ ބަޔަކާއި އިޖުތިމާޢީ މައްސަލަތަކާއި އޭގެ ޙައްލުގެ ވާހަކަ ވެސް މަޖައްލާގައި ހިމެނޭނެ އެވެ. މީގެ އިތުރުން ތިން ޙަރަމްފުޅަށް ޚާއްޞަ ވާހަކަތަކާއި މި ވުޒާރާގެ މުހިންމު ނިންމުންތަކާއި އިސްލާމީ ދުނިޔޭގެ މުހިންމު ޚަބަރުތައް ވެސް މި މަޖައްލާގައި ގެނެސްދޭނެ އެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މަހަކު އެއް ފަހަރު ނެރެމުން އަންނަ "އަޚްބާރު" މިނިސްޓްރީގެ އާ ވެބްސައިޓުން ބެލޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.